މިރޭ ޖަރުމަނާއި ސްވިޒަލޭންޑް ކުޅޭ ގްރޫޕް އޭގެ މެޗަށް ނުކުންނަ އިރު ކޮލިފިކޭޝަން ޔަގީންވެފައި އޮތް ނަމަވެސް، ޖަރުމަނުން މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.

ޖަރުމަނުން ފުރަތަމަ ކުޅުނު ގްރޫޕް އޭގެ މެޗުގައި ސްކޮޓްލޭންޑް ކައިރިން 5-1 އިން ބަލިވެ، އޭގެފަހުން ކުޅުނު މެޗުގައި ހަންގޭރީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ ހަ ގޯލާއެކު ޖަރުމަނަށް ގަދަ 16 ޔަގީންވެފައި އޮތް ނަމަވެސް، އެޓީމުން އެއްވަނައިގައި އަނެއް ބުރަށް ދާން މިރޭގެ މެޗުން ބަލިވިޔަ ނުދީ ހިފަހައްޓާލަން މުހިއްމެވެ. އެ ހާލަތުގައި ޓީމު އޮތުމާ އެކު، މުހިއްމު ކުޅުންތެރިންނަށް ރެސްޓް ދީ، ސަސްޕެންޑް ވެދާނެ ކަމަށް މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުންތެރިން ބެންޗް ކޮށްފާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނަގެލްސްމަން ބުނީ ޓީމަށް ބަދަލުތަކެއް ގެންނަން ނުރާވާ ކަމަށެވެ.

"މިހާރު އޮތް ހާލަތުން އަދި ޓީމަށް އެއްވެސް ބަދަލެއް ގެންނަން ވިސްނާފައެއް ނުވޭ. ރީނދޫ ކާޑު ހަމަވާތީއެއް ކިޔާފައި ރެސްޓް ކުރަންވެސް ނުވިސްނާނަން. އެއީ ދެ ކާޑު ހަމަވެގެން ސަސްޕެންޑް ވީމަ، އެ މަގާމަށް އެހެން ކުޅުންތެރިޔަކު އަނެއް މެޗުގައި ހުންނާނެ. އަހަރެން މުޅި ސްކޮޑަށް އިތުބާރު އެބައޮތް،" ނަގެލްސްމަން ބުންޏެވެ.

މިފަހަރުގެ ޔޫރޯ ބާއްވަމުންދާ ޖަރުމަނުގެ ފްރޭންކްފާޓް ދަނޑުގެ މައްސަލަ މުބާރާތް ފުރަތަމަ ފެށުމުގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެ ދަނޑުގައި ފުރަތަމަ މެޗު ކުޅެން އޮތް ނެދަލޭންޑްސް އާއި ޕޮލެންޑަށް ވެސް މެޗު ކުރިން ފަރިތަކުރަން ދީފައެއް ނުވެއެވެ. އެފަހަރު ޔޫއެފާއިން ބުނީ ދަނޑުގެ ވިނަގަނޑު އާކުރީ ސީދާ ޔޫރޯއަށް ކަމަށްވުމުން، ދަނޑުގައި އޭރު ތަމްރީނު ކުރަން ދެވެން ނެތީ ކަމަށެވެ.

ފްރޭންކްފާޓް ދަނޑުގައި ވިނަގަނޑު ބަދަލުކޮށްފައި ވަނީ މީގެ ހަތް މަސްކުރިން އެންއެފްއެލްގެ ދެ މެޗެއް ދަނޑުގައި ކުޅުމަށް ހައިބްރިޑް ވިނަގަނޑެއް އަޅާފައި އޮތުމުންނެވެ. ފްރޭންކްފާޓަށް މުބާރާތުގެ ކުރިން ވަރަށް ބޯކޮށް ވާރޭވެހިފައި އޮތުމުގެ އިތުރުން މާ އަވަހަށް ދަނޑު ބޭނުން ކުރުމުގެ ސަބަބުން، އެންމެފަހުން އިންގްލެންޑާއި ޑެންމާކު އެ ދަނޑުގައި ކުޅުނު މެޗު ތެރެއިންވެސް ވިނަގަނޑު ގަނޑު ނައްޓާއިގެން ދިޔަތަން ފެނިގެން ގޮސްފައިވެއެވެ.

އަދި މެޗަށްފަގު ދަނޑުގެ ވިނަގަނޑު ބަލަހައްޓާ މީހުން ނައްޓާފައި އޮތް ބައިވަރު ވިނަތައްވެސް ނަގާފައިވެއެވެ. އެ މައްސަލައިގައި ޔޫއެފާއިން ބުނީ މިރޭ މެޗުގެ ކުރިން ދަނޑުގެ ވިނަގަނޑު މައްސަލަ ހައްލުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްވުމުން ނަގެލްސްމަން ބުނީ "ހާސްވަނީ ރަނގަޅު ކުޅުމެއް ނުކުޅެވޭނެތީ އެއް ނޫން، ބޮޑު އަނިޔާއެއް ދިމާވެދާނެތީ،" ކަމަށެވެ.

ނަގެލްސްމަން ބުނީ އެންމެފަހުން އިންގްލެންޑް ކުޅުނު ރޭގައިވެސް ޖޫޑް ބެލިންހަމް ފަދަ ތަރިންނަށްވެސް އަނިޔާވާ ކަހަލަ ގޮތް ގޮތަށް ކައްސާލައިގެން ދިޔަ ކަމަށާއި އޭރު އޮތް ހާލަތުގައި ދަނޑު އޮތް ނަމަ، އެއީ ވަރަށް ބޮޑު ރިސްކް އަކަށް ވާނެ ކަމަށެވެ.

ޖަރުމަނުން މިރޭ ގްރޫޕް އޭގެ ފަހު މެޗުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މެންދަމު 12:00 ގައެވެ.