ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ކުރިމަތީގައި ހުސްކޮށް އޮވެ، ބްރޫނޯ ފެނާންޑޭޒްއަށް ދިން އެސިސްޓުން ދައްކުވައިދިނީ ނަމޫނާ މަންޒަރެއް ކަމަށާއި، އެ މަންޒަރަކީ ޕޯޗުގަލްއާއި ދުނިޔޭގެ ހުރިހާ އެކަޑެމީއެއްގައިވެސް ދައްކުވަން ޖެހޭ މަންޒަރެއް ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މިފަހަރު ޔޫރޯގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، ޕޯޗުގަލް ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. ރޭ އެޓީމުން ތުރުކީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ޖުމުލަ ހަ ޔޫރޯއެއްގައި ކުޅެ، ފަސް ޔުރޯއެއްގައި ގޯލު ޖަހާފައިވާ ރޮނާލްޑޯ އަދި މިހާތަނަށް ޕޯޗުގަލްއަށް ގޯލެއް ޖަހާފައި ނުވާ ނަމަވެސް، ރޭ އޭނާއަށް ގޯލެއް ޖަހަން ވަރަށް ހުސް ފުރުސަތެއް ލިބުނެވެ.

ޕޯޗުގަލްގެ ތިންވަނަ ގޯލު ޖެހުމަށް ރޮނާލްޑޯ ތުރުކީ ޑިފެންސް ތެރެއިން ދެމިގަނެ، މުޅިން ހުހަށް ކުރިއަށް ޖެހި އޭރިއާ ތެރެއަށްވެސް ވަދެ، އެ ބޯޅަ މުޅިން ހުސްކޮށްލާފައި ޕާސްކޮލީ ފެނާންޑޭޒް އަށެވެ. ފެނާންޑޭޒް ބޯޅަ ވައްދާލަން ޖެހުނީ ހުސް ގޯލަކަށެވެ. ރޮނާލްޑޯ ޕާސް ދިނީ ތުރުކީ ކީޕަރު އަލްޓޭ ބޭޔިންދިރް، އޭނާ ޖަހާނެ ކަމަށް ސަމާލުވެގެން ހުއްޓައެވެ. ރޮނާލްޑޯއަށް އެބޯޅަ ގޯލަށް ވައްދާލަން ބޮޑު ޖާގައެއް ލިބިފައި އޮތް ނަމަވެސް އޭނާ ޕާސް ކުރި ކުރުމަށް އެތައް ބައެއްގެ ތައުރީފް ވަނީ އަމާޒުވެފައެވެ.

ރޮނާލްޑޯ، ޔޫރޯގައި ރެކޯޑު 14 ގޯލު ޖަހައި، އަށް އެސިސްޓްވެސް ހަދާފައި ރޮނާލްޑޯ ރޭ ގޯލު ޖެހިނަމަ، އޭނާ ވެގެންދަނީ ޖެހިޖެހިގެން ހަ ޔޫރޯއެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެހެން ނަމަވެސް، އޭނާ ޕާސްކޮށްލީ ޔަގީން ކޮށްލާށެވެ.

ގާތްގަނޑަކަށް 900 އެއްހާ ގޯލު ކެރިއަރުގައި ޖަހާފައިވާ ރޮނާލްޑޯ ރޭ ދެއްކި މަންޒަރުން މެޗަށްފަހު ކޯޗު މާޓިނޭޒް ބުނީ، ރޮނާލްޑޯ އެ ދައްކުވައިދިނީ ތަފާތު ނަމޫނާ މަންޒަރެއް ކަމަށެވެ.

"އަހަރެމެންނަށް ރޭ ފެނުނީ އާދަޔާހިލާފު ތަފާތު މަންޒަރެއް. ގޯލު ކީޕަރު އެކަނި އޮއްވާ ކުރިއަށް އަރާފައި ރޮނާލްޑޯ ބޯޅަ ޕާސްކޮށް، ގޯލު ޖެއްސުވީ ފެނާންޑޭޒް ލައްވާ. އެއީ ނަމޫނާ މަންޒަރެއް. މިސާލު ނަގަންވެސް ޖެހޭ މަންޒަރެއް. އެ މަންޒަރު ޕޯޗުގަލްގެ ހުރިހާ އެކަޑެމީއަކީ ދުނިޔޭގެ ހުރިހާ އެކަޑެމީއެއްގެ ކުދިންނަށްވެސް ދައްކަން ޖެހޭނެ. ސަބަބަކީ އެ ޕާހުން ފެނިގެން ދިޔައީ އެންމެ މުހިއްމީ ޓީމުކަން،" މާޓިނޭޒް ބުންޏެވެ.

އާންމުކޮށް އަމިއްލައަށް ގޯލު ޖެހުމަށް ބޮޑު ޝައުގެއް ހުންނަ ރޮނާލްޑޯ ރޭގެ މެޗުގައި އިތުރު ބައެއް ރަނގަޅު ޕާސްތައް ދީ އެހެން ކުޅުންތެރިން ލައްވާ ގޯލު ޖައްސުވަން މަސައްކަތް ކޮށްފައިވެއެވެ. އެކަން ފާހަގަވެ، އޭނާއަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވެސް ވެއެވެ. މިއީ ރޮނާލްޑޯގެ ފަރާތުން އާންމުކޮށް ނުފެންނަ މަންޒަރެއް ކަމަށްވުމުން، އެކަމަށް ވަނީ ސަމާލުކަންވެސް ބޮޑުވެފައެވެ.