ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހައިވޭގައި މާލެއިން ހުލުމާލެއަށް ދާފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސުތަކުގައި ޖެހި އެކްސިޑެންޓެއްގައި ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ 6:40 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ލަންކާ ފިރިހެން މީހާއަށް ހުލުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭޑީކެ ހޮސްޕިޓަލުގެ އޮފިޝަލަކަު މިއަދު "ވަން" އަށް ވިދާޅުވީ އެ މީހާ މަރުވެފައިވަނީ މިއަދު 11:43 ހާއިރު ކަމަށެވެ. ނަމަވެސް އެކްސިޑެންޓްގައި އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.