ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުން ތުރުކީގެ ޒުވާން ތަރި އަރްދާ ގޫލާ، ފުރަތަމަ 11 އިން ނުފެނިދާނެ ކަމަށް އެޓީމުގެ ކޯޗު، ވިންސެންޒޯ މޮންޓޭލާ ބުނެފިއެވެ.
ތުރުކީން މިރޭ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ މޮޅަކާއެކު ގަދަ 16 ޔަގީން ކުރުމަށެވެ. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ޖޯޖިއާ ކައިރިން 3-1 އިން މޮޅުވެފައިވާ އިރު، އެރޭގެ ތަރިއަކީ ރެއާލް މެޑްރިޑްގެ 19 އަހަރުގެ ތަރި އަރްދާ އެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. މެޗުގެ ދެވަނަ ގޯލަކީ އަރްދާ ޖަހައިދިން ހިތްގައިމުވެސް ގޯލެކެވެ.
އަރްދާގެ ދުރުން ޝޫޓް ކުރުމުގެ ހުނަރަށް މެޗުގެ ކުރިން ކޯޗު މޮންޓޭލާ ތައުރީފު ކޮށްފައިވާ އިރު، އޭނާ ބުނީ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް އަރްދާ ނެރުމާ ދޭތެރޭ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
"އަރްދާގެ ގޯލު ޖެހުމުގެ ޕަސެންޓޭޖް ވަރަށް ރަނގަޅު. ކޮންމެ ތިން ޝޮޓަކުން އެއް ޝޮޓްގައި އަރްދާ ގޯލު ޖަހާފައި އެބަހުރި. އެއީ ވަރަށް ހުނަރުވެރި ކުޅުންތެެރިއެއް. އެކަހަލަ ކުޅުންތެރިން މެނޭޖުކުރުމަކީ އަހަންނަށް އެހާ އުނދަގޫ ކަމެއްވެސް ނޫން. އެހެންވިޔަސް މިހާރުގެ ހާލަތުގައި އޭނާ 100 ޕަސެންޓް ފިޓްކޮށް އަހަރެމެން ބޭނުންވޭ. އެންމެފަހުން މެޗަށްފަހު އަރްދާ ހުރީ ވަރަށް ބޮޑަށް ވަރުބަލިކޮށް، އެހެންވިމާ ކުރިއަށް އޮތް މެޗުގެ ފުރަތަމަ 11 އަށް ނެރޭނީތޯ، ބެންޗުން ނެރޭނީތޯ މިދަނީ ވިސްނަމުން،" ތުރުކީގެ ކޯޗު މޮންޓޭލާ ބުންޏެވެ.
މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން މޮންޓޭލާ އިތުރަށް ބުނީ ޕޯޗުގަލް ކައިރީ ތުރުކީން ކެތްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ހާއްސަކޮށް އެޓޭކަށް އަވަސްކޮށް، ޖެހިގަނެ ޖާގަ ދީފިނަމަ ލަނޑު ލިބޭނެ ކަމަށް އޭނާ ބުންޏެވެ. މޮންޓޭލާ ބުނީ ތުރުކީގެ އެންމެ ވަރުގަދަ ހަތިޔާރަކީ ކައުންޓާ އަވަސްކޮށް އުފެއްދުން ކަމަށާއި، ޕޯޗުގަލްއާ ދެކޮޅަށް ކުޅޭނީ އެކަހަލަ ގޭމެއް ކަމަށެވެ.
ތުރުކީއާއި ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024