އުމުރުން 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓް ނުވެދާނެތީ މިރޭ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗް ކުރަން ވިސްނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު ރޮބާޓޯ މާޓިނޭޒް ރުޅިގަދަވެއްޖެއެވެ.
ޕޯޗުގަލްއިން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ޗެކު ރިޕަބްލިކް ކައިރިން މޮޅުވީ 2-1 އިންނެވެ. އެމެޗުގައި ފަހުވަގުތު އަރައި ޕޯޗުގަލް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލަކަށް އެރި އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ކޮންސެއިސާއޯ އެވެ.
އެރޭގެ މެޗަށް ރޮނާލްޑޯ ނުކުތީ އޭނާގެ ކެރިއަރުގެ ހަވަނަ ޔޫރޯ މުބާރާތަށެވެ. 2004 ވަނަ އަހަރު ޔޫރޯއިން ފެށިގެން މިފަހަރުގެ ޔޫރޯއާ ހަމައަށް ހުރިހާ މުބާރާތެއްގައި ރޮނާލްޑޯ ކުޅެފައިވާ އިރު، އޭނާއަކީ އެ ޝަރަފު ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ.
ރޮނާލްޑޯ މިހާރު ހުރި ފިޓްނެސްއާއި ކުޅެމުން އަންނަ ލީގަށް ބަލައި، މިރޭ ތުރުކީއާ ދެކޮޅަށް ބެންޗް ކުރަން ޖެހޭކަމަށް ގަބޫލުކުރަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު މާޓިނޭޒް ވަނީ ވަރުގަދަ ފިލާވަޅެއް ނޫސްވެރިޔާއަށް ނަގައިދީފައެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ! މިދިޔަ ސީޒަނުގައި ހުއްޓުމެއް ނެތި ރޮނާލްޑޯ ކިތައް މިނެޓް ކުޅުނުކަން އެނގޭތަ؟" މާޓިނޭޒް ފެށިއެވެ.
"އަމިއްލައަށް އަމިއްލަ ސުވާލުގެ ޖަވާބުދީ!" މާޓިނޭޒް އިތުރަށް ބުންޏެވެ. މާޓިނޭޒް ބުނީ ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިޔަކު މިހާތަނަށް ހަ ޔޫރޯގައި ކުޅެފައިވާ ނުވާ ކަމަށާއި، ރޮނާލްޑޯ ޓީމަށް ގެނެސްދެނީ ތަޖުރިބާ ކަމަށެވެ. އޭގެ އިތުރުން ރޮނާލްޑޯއަކީ މެޗު ތެރޭގެ ހާލަތު އަމިއްލައަށް ދެނެގަންނާނެ ސްމާޓް ކުޅުންތެރިއެއް ކަމަށާއި، ތަޖުރިބާއާއެކު އޭނާ ގޯލު ޖެހުން އެއީ ޓީމަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ. ރޮނާލްޑޯ އޭރިއާ ތެރޭގައި ނަގާ މޫވްތައް ފާހަގަވާން ޖެހޭނެ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
ޕޯޗުގަލްއިން މިފަހަރު ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ރޮނާލްޑޯގެ ގިނަ ހަމަލާތަކެއް ފެނުނެވެ. އޭނާ ފެނުނީ މިދިޔަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވުރެ ކުޅުން ރަނގަޅުކޮށެވެ. މެޗުގެ ބޮޑު ބައެއްގައި ޕޯޗުގަލްގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވީވެސް ރޮނާލްޑޯ އެވެ.
"ރޮނާލްޑޯގެ ފިޓްނަސްއާ މެދު ސުވާލު އުފެދޭނަމަ، މިދިޔަ 12 މަސް ދުވަހު އޭނާ ކުޅުނު މެޗުތަކާއި ކުޅުނު ވަގުތު ބަލާލާ! ރޮނާލްޑޯ ގައުމީ ޓީމުގައި ހުރީ ހައްގުވެގެން. މިދިޔަ ސީޒަނުގައި 50 މެޗުން އޭނާ 51 ގޯލު ޖެހި. ރޮނާލްޑޯ އެހުރީ ހަތަރު ދުވަހުން އެއް ދުވަހު މެޗު ކުޅެވޭ ވަރަށް ފިޓްކޮށް،" މާޓިނޭޒް ރުޅިގަދަވެފައި ބުންޏެވެ.
މާޓިނޭޒް އެ ސުވާލަށް ޖަވާބު ދެމުން އެންމެ ފަހު ބަހެއްގެ ގޮތުގައި ބުނީ ރޮނާލްޑޯގެ ފިޓްނަސްގެ މައުލޫމާތު އަމިއްލައަށް ހޯދައި ބެލުމަށެވެ.
ޕޯޗުގަލްއިން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ގަދަ 16 ޔަގީންވާނެއެވެ. މިރޭ އެޓީމުން ތުރުކީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024