ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ކުޅުނު މެޗުގައި ފްރާންސާއި ނެދަލޭންޑްސްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ލެއިޕްޒިގް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސާއި ނެދަލޭންޑްސް އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަކީ ގްރޫޕް ޑީގައި އެންމެ ފޯރިގަދަވާނެ ކަމަށް މާ ކުރިންވެސް ބެލެވިފައި އޮތް މެޗެވެ. ގްރޫޕްގައި އެންމެ ވާދަވެރިވާނެ ގަދަ ދެ ބާރުގެ ކުރިމަތިލުމެއްވެސް މެއެވެ. ދެ ޗެމްޕިއަނުންގެވެސް ކުރިމަތިލުމެކެވެ. މިހާތަނަށް މުބާރާތުގައި ދެ ޓީމުންވެސް އޮތީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. ފްރާންސުން ފުރަތަމަ މެޗުގައި އޮސްޓްރިއާ ކައިރިން 1-0 އިން މޮޅުވި އިރު، ނެދަލޭންޑްސްއިން ޕޮލެންޑް ބަލިކުރީ 2-1 އިންނެވެ. ދެ ޓީމަށްވެސް ލިބިފައި އޮތީ ހަނި މޮޅެކެވެ.

އެ ހަނި މޮޅާއެކުވެސް މިރޭގެ މެޗުން މޮޅުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރަން ދެ ޓީމަށްވެސް ފުރުސަތު އޮތެވެ. އެ ފުރުސަތުގެ ބޭނުން ހިފަން ފްރާންސަށް ނުކުންނަން ޖެހުނީ އެޓީގެ ކެޕްޓަން، އަދި އެއް ނަންބަރު ތަރި، ކިލިއަން އެމްބާޕޭ ނުލައެވެ. މެޗުގެ ފުރަތަމަ 11 ގައި އޭނާ ހިމަނާފައި ނުވަނީ ނޭފަތް ބިންދައިގެން ގޮސްފައި ހުރުމުންނެވެ. އެމްބާޕޭ އޮސްޓްރިއާ މެޗުގައި ނޭފަތް ބިންދައިގެން ދިއުމުން މިހާރު ތަމްރީނުތަކަށް ނުކުންނަނީވެސް މާސްކެއް އަޅައިގެންނެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ޓެކްޓިކަލް ވާދަވެރިކަމެކެވެ. ފްރާންސުން ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި މެޗު ޑޮމިނޭޓް ކުރި އިރު، ނެދަލޭންޑްސް ބެލީ ޑިފެންސިވް ފޯމޭޝަން ހިފެހެއްޓުމަށެވެ. އެޓީމުން ވަރަށް ބޮޑަށް ޓީމެއްގެ ގޮތުގައި ޑިފެންސް ކުރިތަން ފެނިގެން ދިޔައެވެ. ނެދަލޭންޑްސްއިން ބޮޑަށް ބެލީ އެޓީމުގެ ހަލުވި ވިންގުން ކައުންޓާގައި ބޭނުން ކުރެވޭތޯއެވެ.

އެފަދަ ހަމަލާއެއްގައި މެޗުގެ ދެވަނަ މިނެޓުގައި ނެދަލޭންޑްސް ލީޑު ނުނެގީވެސް ހަމަ ކިރިޔާއެވެ. އޭރިއާ ތެރެއަށް ވަދެ، ޖެރެމީ ފްރިމްޕޮންގް ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މައިގްނޮން މަތަކުރީ އުނދަގޫ ކޮށެވެ.

އޭގެފަހުން ދެން ފެނިގެން ދިޔައީ ފްރާންސުން މެޗުގެ ކޮންޓްރޯލް ނަގައި، ހަމަލާއެއް މަސައްކަތް ކުރިތަނެވެ. ފްރާންސަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އެޑްރިއެން ރާބިއޯ މުޅިން ހުސްކޮށް އޮވެ، ގޯލަށް ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް، އޭނާ ބެލީ ކެޕްޓަން އެންޓޮއިން ގްރީޒްމަނަށް އެ ބޯޅަ ދިނުމަށެވެ. އޭރިއާ ތެރެއިން ގްރީޒްމަނަށް ޖައްސާލި އެ ބޯޅަ، އޭނާއަށް ރަނގަޅަށް ނުލިބި ދިޔައީ ބޭކާރުވެގެންނެވެ.

އޭގެ އިތުރުން ގްރީޒްމަންގެ ހަމަލާއެއް ކީޕަރު ވާބްރުގެން މަތަކުރި އިރު، ފުރަތަމަ ހާފުގައި ފްރާންސް ފެނުނީ ހަމަލާތައް ބޭކާރު ކުރިތަނެވެ.

ދެވަނަ ހާފުގައިވެސް ފްރާންސް ފެށީ ވަރުގަދަކޮށެވެ. މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުން އަނެއްކާވެސް ނުރައްކާ ކޮށްފައިވެއެވެ. އުސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޯރެލިއެން ޗުއަމެނީ ބޮލުން ފޮނުވާލި ހަމަލާ ހުރަސް ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ގްރީޒްމަން އަތުން ވަނީ އަނެއްކާވެސް ހަމަލާއެއް ބޭކާރުވެފައެވެ.

ރީތި ކުޅުމަކާއެކު އެންގޯލޯ ކާންޓޭ ދިން ބޯޅަ، ކޮންޓްރޯލް ކޮށްލި ގޮތަށް ފޮނުވާލި ނަމަވެސް، ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަ މަތަކޮށްފައެވެ.

ފްރާންސުން ނުރައްކާކޮށް އެޓޭކް ކުރަމުން ދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ ނެދަލޭންޑްސްއިން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލުމާއެކުގައެވެ. 70 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޒަވީ ސިމޮންސް، ފްރާންސްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ގޯލު ކުރިމަތީގައި ހުރި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އޮފްސައިޑް މަގާމެއްގައި ހުރެ ހަރަކާތް ކުރި ކަމަށެވެ. އެ ނިންމުން ނިންމީ ދިގު ޗެކަކަށް ފަހުއެވެ. މުޅި ސްޓޭޑިއަމް އިންތިޒާރުގައި ތިބެން ޖެހުނެވެ.

އެ ހަމަލާގެ ކުރިން މެމްފިސް ޑިޕާއީ އެނބުރިލާފައި ފޮނުވާލި ބާރު ހަމަލާ މަތަކުރީ ފްރާންސް ކީޕަރު މައިކެވެ. މެޗުގެ ފަހުކޮޅުގައި ދެ ޓީމުންވެސް މަޑު ރާގަކަށް ޓެމްޕޯ ވައްޓާލާފައިވާ އިރު، އެއްވެސް ޓީމަކުން މާ ބޮޑު ރިސްކެއް ނުނެގިއެވެ. ހާއްސަކޮށް ޓެކްޓިކަލް ޑިސިޕްލިން ގެއްލުވާލައި އެޓޭކް ކުރަން ވިސްނާފައެއް ނުވެއެވެ.

ފްރާންސުން ފަހުކޮޅުގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، އެޓީމަށް ނެދަލޭންޑްސްގެ ގޯލު ފޫއަޅުވާ ލެވޭ ގޮތް ވަނީ ނުވެފައެވެ.