ފްރާންސާއި ނެދަލޭންޑްސް މިރޭ ގްރޫޕް ޑީގައި ކުޅޭ މެޗަކީ އެ ގްރޫޕްގައި އެންމެ ވާދަވެރިވާނެ ގަދަ ދެ ބާރުގެ ކުރިމަތިލުމެކެވެ. ދެ ޗެމްޕިއަނުންގެވެސް ކުރިމަތިލުމެކެވެ. މިހާތަނަށް މުބާރާތުގައި ދެޓީމުންވެސް އޮތީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. ފްރާންސުން ފުރަތަމަ މެޗުގައި އޮސްޓްރިއާ ކައިރިން 1-0 އިން މޮޅުވި އިރު، ނެދަލޭންޑްސްއިން ޕޮލެންޑް ބަލިކުރީ 2-1 އިންނެވެ. ދެ ޓީމަށްވެސް ލިބިފައި އޮތީ ހަނި މޮޅެކެވެ.

މިރޭގެ މެޗުގެ ކުރިން ދެކެވެމުންދާ އެންމެ ބޮޑު ވާހަކައަކީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ވާހަކައެވެ. އޭނާއަކީ ފްރާންސަށް އެންމެ މުހިއްމު ކުޅުންތެރިޔާވެސް މެއެވެ. ކަންދިމާކުރި ގޮތުން، ފްރާންސުން މިފަހަރުގެ ޔޫރޯގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭއަށް ވަނީ ނުރައްކާތެރި އަނިޔާއެއް ވެފައެވެ. މެޗުގެ ފަހު ހާފުގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ދިޔައީ ބޯޅައިގައި ބޮލުން ޖަހަން އުޅެނިކޮށް، އޮސްޓްރިއާގެ ކެވިން ޑެންސޯގެ ކޮނޑުގައި މޫނު ޖެހިގެންނެވެ.

އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް ސާޖަރީއެއް ހަދަން އުޅެފައިވެސް ފްރާންސް ޓީމުން ނިންމީ އޭނާ މާސްކެއްގައި ތަމްރީނުތަކަށް ނެރޭށެވެ. އިއްޔެގެ ތަމްރީނުތަކުގައި އެމްބާޕޭ ހުރީ ފްރާންސްގެ ދިދައިގެ ފަރުމާއަށް ހާއްސަކޮށްފައިވާ މާސްކެއްގައެވެ. މެޗުގައި އަދި އެ މާސްކް ބޭނުންކުރެވޭ ކަމުގެ ޔަގީންކަމެއް ނެތެވެ. އެއީ ޔޫރޯގެ އުސޫލު އޮންނަ ގޮތުން، އެ ޑިޒައިންގެ މާސްކެއް ބޭނުން ނުކުރެވޭނެތީއެވެ. ފްރާންސުން ދަނީ މާސްކަށް ހައްލު ހޯދަން މަސައްކަތް ކުރަމުންނެވެ.

ދެން އޮތީ ޕްރި މެޗު ޕްރެސްގެ ވާހަކައެވެ. ދެޓީމުގެ ކޯޗުންނާވެސް އެމްބާޕޭއާ ގުޅޭ ސުވާލުތައް ގިނައިން އަމާޒުވިއެވެ.

"އަހަންނަކަށް ނޭނގެ އެމްބާޕޭ ކުޅޭނެކަމެއް ނުވަތަ ނުކުޅޭނެ ކަމެއް. އެކަމަށް ވިސްނައި، ގޮތް ނިންމާނީ ޑިޝޭމްޕްސް. އަހަރެމެންނަށް އެނގޭނީ މެޗު ފެށުމުން. ދެން އެމްބާޕޭ ނެތަސް، ހުއްޓަސް ފްރާންސަކީ ވަރަށް ވަރުގަދަ ޓީމެއް. އެމްބާޕޭއާ ނުލައިވެސް ފްރާންސް ވަރަށް ވަރުގަދަވާނެ. އެހެންވީމަ އަހަރެމެންގެ ފޯކަސް އެކަމަށް ގެއްލުވާލައިގެން ނުވާނެ. އަހަރެމެން މި ފޯކަސް ކުރަނީ މި ނެދަލޭންޑްސް ޓީމަށް. އެމްބާޕޭއަކަށް ނޫން،" ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސްއަށްވެސް ބޮޑަށް ކުރިމަތިވި ސުވާލަކީ އެއީއެވެ. އެމްބާޕޭ ފިޓްތޯ، އަރާނެތޯ، ނޫނީ ފެނިދާނެތޯ ކުރެވޭ ސުވާލެވެ.

"އެމްބާޕޭ ފިޓްވެއްޖެނަމަ އޭނާ ކުޅޭނެ. އަހަރެމެން އެކަމަށް ގޮތެއް ނިންމާނަން ކޯޗިން ޓީމާއެކު. އެކަމަކު އަހަރެން ގަބޫލުކުރާ އަނެއް ކަމަކީ، މި ސްކޮޑަށް އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތްކަން. އެމްބާޕޭ ނުލައިވެސް މި ސްކޮޑުގައި ތިބި ކުޅުންތެރިން ތަފާތު ދައްކާނެ. އަހަރެން އަބަދުވެސް މުޅި ސްކޮޑާއެކު ގުޅުންވެސް ބާއްވަން. އަރާ ކުޅުންތެރިންނާއި ނާރާ ކުޅުންތެރިންނާވެސް ވާހަކަ ދައްކަން. އެންމެން އަބަދު ތައްޔާރުގައި ބައިތިއްބަނީ. އެހެންވީމަ އެމްބާޕޭ އެރިޔަސް، ނޭރިޔަސް އެއީ ހާއްސަ ކަމަކަށް ނުބަލަން،" ފްރާންސްގެ ކޯޗު ޑިޝޭމްޕްސް ބުންޏެވެ.

މިއީ ނެދަލޭންޑްސްއާއި ފްރާންސް ޔޫރޯ މުބާރާތުގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 1996 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގައި ފްރާންސުން ނެދަލޭންޑްސް ބަލިކުރި ނަމަވެސް، އޭގެފަހުން 2000 ވަނަ އަހަރާއި 2008 ވަނަ އަހަރު ގްރޫޕް ސްޓޭޖުގައި ކުރިމަތިލި މެޗުތަކުން މޮޅުވީ ނެދަލޭންޑްސްއެވެ.

ފްރާންސާއި ނެދަލޭންޑްސް މިރޭ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.