ދެކުނު އެމެރިކާގެ އެންމެ ބޮޑު މުބާރާތް، ކޮޕާ އެމެރިކާ 2024 ގެ ފެށުން އާޖެންޓީނާއިން ރަނގަޅުކޮށްފިއެވެ.
އެންމެފަހުގެ ކޮޕާ އެމެރިކާ ޗެމްޕިއަން ރޭ އެމެރިކާގެ އެޓަލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކެނެޑާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ކޮޕާ އެމެރިކާއަށްވެސް ދައުތުވަތު ދީގެން ޓީމުތައް ގެނެސްފައިވާ އިރު، ކެނެޑާއަކީ އުތުރު އެމެރިކާއަށް ނިސްބަތްވާ ޓީމެކެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، އާޖެންޓީނާގެ މެންޗެސްޓާ ސިޓީ ފޯވަޑް ޖޫލިއަން އަލްވަރޭޒް ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެއީ އެލެކްސިސް މެކް އަލިސްޓާ ދިން ބޯޅައަކުން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އަލްވަރޭޒް ޖެހި ގޯލެކެވެ.
އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ފުރަތަމަ މެޗުން ތިން ޕޮއިންޓް ޔަގީން ކުރީ ބަދަލަކަށް ނުކުތް ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. އެ ގޯލު މެޗުގެ ފަހުކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، ފުރުސަތު ތަނަވަސްކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.
މެސީ ރޭ ކުޅެފައި ވަނީ ކޮޕާ އެމެރިކާގައި އޭނާ ކުޅުނު 35 ވަނަ މެޗެވެ. އެއީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއެވެ.
މިފަހަރުގެ ކޮޕާ އެމެރިކާ، މިފަހަރު އެމެރިކާގައި ހޯސްޓް ކުރަމުންދާ އިރު، ރޭ ކުޅުނީ ޖޯޖިއާގެ އެޓްލާންޓާގައެވެ. އެ މުބާރާތަށް ބޭނުންކުރަމުންދަނީ އެމެރިކާ ލީގުގައި ކުޅޭ ޓީމުތަކާއި އެންއެފްއެލް އަށް ބޭނުންކުރާ ސްޓޭޑިއަމްތަކެވެ. އާންމުކޮށް ބައެއް ސްޓޭޑިއަމްތަކުގައި އެންއެފްއެލްގެ އިތުރުން މޭޖާ ލީގު ސޮކާގެ މެޗުތަކަށް އެއް ދުވަސްވަރެއްގައި ބޭނުންކުރާތީ، އެމެރިކާގައި އާޓިފިޝަލް ޕިޗު ގިނައެވެ.
ރޭ އާޖެންޓީނާއިން ކުޅުނު ދަނޑަކީ އާއްމުކޮށް އެންއެފްއެލް ފްރެންޗައިސްގެ އެޓްލާންޓާ ފަލްކޮންސް އާއި އެމްއެސްއެލްގެ އެޓްލާންޓާ ޔުނައިޓެޑް ބޭނުންކުރާ ދަނޑެވެ. އެ ދަނޑުގައި ކުރިން އާޓިފިޝަލް ޓާފެއް އޮތް ނަމަވެސް، މިފަހަރު މުބާރާތަށް ނެޗުގަލް ގްރާސް ދަނޑަކަށް ވަނީ ބަދަލުކޮށްފައެވެ.
"އިހުތިރާމާއެކު ބުނަން ބޭނުންވޭ. މިތަނުގައި ޓާފް ބަދަލުކުރީ ދެ ދުވަސް ކުރިން. ހަތް މަސް ދުވަސް ކުރިން ފެށިގެން މިދަނޑުގައި ކުޅެން ޖެހޭކަން އެނގޭ އިރު އެހާ ކައިރިކޮށްފައި ބަދަލުކުރުމުން ހާލަތު ވަރަށް ދަށް. އަހަރެމެން މޮޅުވިކަން ނަސީބު. ނޫންނަމަ އެއީ ވަރަށް ގޯސް ބަހަނާއަކަށް ވާނެ،" ރޭގެ މެޗަށްފަހު އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުންޏެވެ.
ސްޓޭޑިއަމް ހިތްގައިމުވެފައި ރީތި ނަމަވެސް، ޓާފަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް ސްކަލޯނީ ބުންޏެވެ. އޭނާ ބުނީ އެ ސްޓޭޑިއަމްގައި ކުރިން އޮތް ސިންތެޓިކް ޓާފް މާ ރަނގަޅުވާނެ ކަމަށެވެ.
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ