ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް ބީގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިރޭ ސްޕެއިން ކައިރިން ބަލިވެއްޖެއެވެ.

ޖެލްސެންކިރަޗެން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެ މެޗުން ހަ ޕޮއިންޓާއެކު ސްޕެއިނަށް ވަނީ ގްރޫޕް ބީގެ އެއްވަނަ ޔަގީންވެފައެވެ. އިޓަލީއަށް ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުން ނަތީޖާ ނެރެގެން ގަދަ 16 އަށް ދެވެން އޮތް އިރު، އެޓީމަށް ދެން އޮތީ އިންތިޒާރު ކުރުމެވެ. މިރޭ ގްރޫޕްގެ އެއްވަނައިގައި ގަދަ 16 އަށް ދެވެން އިޓަލީއަށްވެސް ފުރުސަތު އޮތެވެ. އެއީ ސްޕެއިން ބަލިކޮށްގެންނެވެ.

މިއީ ގްރޫޕް ބީގެ އެންމެ ފޯރިގަދަވާނެ މެޗު ކަމަށް ކުރިންވެސް އަންދާޒާ ކުރެވިފައި އޮތް މެޗެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން އިޓަލީން މިރޭ ނުކުތީ މުބާރާތް ރެކޯޑު ތިން ފަހަރު ހޯދާފައިވާ ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިނުން ފުރަތަމަ ކުޅުނު މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 3-0 އިންނެވެ. އިޓަލީން އަލްބޭނިއާ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި މިދިޔަ ފަހަރުގެ ޗެމްޕިއަނުންނަށް ސްޕެއިން ކުޑަ ޖާގަ ކޮޅެއްވެސް ނުދެއެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އިޓަލީއަށް ހަމަ ނޭވައެއް ލާންވެސް ފުރުސަތެއް ސްޕެއިނުން ނުދިނެވެ. އަނެއްކޮޅުން ސްޕެއިންގެ ކީޕަރު އުނައި ސިމޮންއާ ހަމައަށް ބޯޅައެއް ދިޔައީވެސް މަދު ފަހަރެއްގައެވެ. ސްޕެއިންގެ އެޓޭކް ލައިނުގައި ޒުވާން ތަރި ލަމީން ޔަމާލާއި ނިކޯ ވިލިއަމްސްގެ ހަލުވި ދުވުން އިޓަލީއަށް ހިފަހައްޓައެއްވެސް ނުލެވުނެވެ.

މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމިގެން ދިޔައީ އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއާއި އެޓީމުގެ ޑިފެންސުން ދެއްކި ހިތްވަރުންނެވެ. ފުރަތަމަ ހާފުގައި ޕެޑްރީ ބޮލުން ޖެހި ހަމަލާއެއްގެ އިތުރުން ފަބިއަން ރުއިޒް ދުރުން ފޮނުވާލި ބާރު ހަމަލާ އަދި އަލްވާރޯ މޮރާޓާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާވެސް މަތަކުރީ ޑޮނަރޫމާއެވެ. އޭގެ އިތުރުން ވިލިއަމްސްގެ ހަމަލާއެއް ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ރޮޑްރީ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން އިޓަލީގެ އަލެސަންޑްރޯ ބަސްޓޯނީ ދިފާއުކުރިއެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ ސްޕެއިންގެ އެޓޭކްތަކަށް އިޓަލީއަށް ކެތްނުކުރެވި ދިޔަ ނަމަވެސް، އެޓީމު ކޮޅަށް ފުރަތަމަ ހާފުގައިވެސް ގިނަ ގޯލުތަކެއް ނުވަނީ ނަސީބަކުންނެވެ.

ދެވަނަ ހާފުގައިވެސް މެޗުގެ ފެށުން ދިޔައީ އެ ހާލުގައެވެ. އިޓަލީން ބަދަލުތަކަކާއެކު ކުޅެން ނުކުތް ނަމަވެސް، 52 ވަނަ މިނެޓުގައި މާކް ކުކުރެޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެޑްރީ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒު ނުވެ ދިޔައީ ކިރިޔާއެވެ. އަދި އޭގެ ފަހުން ޕެޑްރީ ފޮނުވާލި ހަމަލާ ދިޔައީ ޑޮނަރޫ އަތަށެވެ.

ޕްރެޝަރު ކުރަމުން ދިޔަ ސްޕެއިނުން މެޗުގެ ލީޑު ނެގީ 55 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ނިކޯ ވިލިއަމްސް ނަގައިދިން ހުރަހެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޮރީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެ ގޯލަށްފަހުވެސް އެޓޭކް ކުރަމުން ދިޔައީ ސްޕެއިނުންނެވެ. އިޓަލީން ފަހަތަށް ޖެހި ތިބެ، ކައުންޓާއަކަށް ފުރުސަތު ހޯދަން މަސައްކަތް ކުރި ނަމަވެސް، އެކަންވެސް ވިޔަކަ ނުދިނެވެ. ސްޕެއިނުން ދިޔައީ ބޯޅަ ގެއްލުމާއެކު އަވަސްކޮށް ފަހަތަށްވެސް ފައިބަމުންނެވެ. މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި އިޓަލީން ކޮންމެވެސް ވަރަކަށް އެޓޭކަށް ޖާގަ ހޯދި ނަމަވެސް، މެޗު ސްޕެއިނުން ކާމިޔާބުކުރީ މާ ބޮޑު ނުރައްކަލަކާ ކުރިމަތި ނުލައެވެ.

ސްޕެއިނުން މެޗު ނިމެން ދަނިކޮށް ދެވަނަ ގޯލަކާ ގާތަށްވެސް ޖެހިލިއެވެ. އަޔޯޒީ ޕެރޭޒްގެ ދެ ހަމަލާއަކަށްވެސް ހުރަސް އެޅީ މެޗުގައި މޮޅަށް ކުޅުނު އިޓަލީގެ ކީޕަރު ޑޮނަރޫމާއެވެ.

މިރޭގެ މެޗުގައި ސްޕެއިން މާޔޫސްވާން ޖެހުނީ އެންމެ ކަމަކާއެވެ. އެއީ ރޮޑްރީއަށް ދެ ރީނދޫ ކާޑު ގްރޫޕް ސްޓޭޖުގައި ހަމަވުމުންނެވެ. އޭނާއަށް ސްޕެއިނުން އަލްބޭނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.