މިދިޔަ ޔޫރޯ 2020 އަކީ ޑެންމާކަށް އެކިއެކި އިހުސާސްތަކުގެ މުބާރާތެކެވެ. އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ދިމާވި ހިތްދަތި ހާދިސާއިން ފެށުން ތަފާތުވިއެވެ. ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، ހައިރާންކަން ގެނުވި ނަތީޖާތަކާ އެކު ޑެންމާކު ވަނީ ސެމީއަށްވެސް ގޮސްފައެވެ. ކެޓީ ސެމީން އިންގްލެންޑް ބަލިކޮށްގެންނެވެ.

ޑެންމާކުގެ ދަތުރާއި ކަޓައިގެން ދިޔަ ދިޔުމަށް ހަނދާން ގެންގޮސްލަމާ ހިނގާށެވެ. އެފަހަރު ގަދަ 16 ގައި ޑެންމާކުން ވަނީ މޮޅު ކުޅުމަކާ އެކު 4-0ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށްފައެވެ. އަދި ޑެންމާކުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ކުއާޓާ ފައިނަލުގައި 2-1ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ. އެއީ 1992 ވަނަ އަހަރަށްފަހު އެޓީމު ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ސެމީގެ މެޗަށް ނުކުތުމުގެ ކުރިން މެޗު ފޭވަރިޓުންގެ ގޮތުގައި އޮތީ އިންގްލެންޑެވެ. ނަމަވެސް ޑެންމާކުން އެއްގޮތަކަށް ވެސް ދޫނުދޭނެކަން އެނގުނެވެ. އެމެޗުގައި އިންގްލެންޑަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ޑެންމާކުންނެވެ. މިކެލް ޑެމްސްގާޑް ޖެހި އެ ގޯލަކީ އެމުބާރާތުގައި އިންގްލެންޑް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

މެޗުގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކުރެވުނީ ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފު ނިމުނު އިރުވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ޖެހުނެވެ.

ހުރިހާ ކަމެއް ބަދަލުވެގެންދިޔަ ވަގުތުކޮޅަކީ މެޗުގެ 102 ވަނަ މިނެޓުގައި އިންގްލެންޑަށް ރެފްރީ ދިން ޕެނަލްޓީއެވެ. އިންގްލެންޑަށް އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ރަހީމް ސްޓާލިންއަށް ޑެންމާކުގެ ޖޯކިމް މޭލާ ފައުލްކުރީ ކަމަށް ބެލުމަށްފަހުއެވެ. އެ ޕެނަލްޓީ ދިނުމަށްފަހު ވީއޭއާރުން އެއީ ފައުލެއްތޯ ވެސް ކަށަވަރު ކުރިއެވެ. ވީއޭއާރުން ރެފްރީގެ ނިންމުން ބަދަލުވެފައެއް ނުވެއެވެ.

މޭލާގެ ފަޔާއި ސްޓާލިންގެ ފަޔާ ކުޑަ ކޮންޓެކްޓެއް ވެއެވެ. ނަމަވެސް އެއީ އެފަދަ މެޗެއްގައި، ހާއްސަކޮށް އިތުރު ވަގުތުގައި ދޭން ޖެހޭ ވަރުގެ ޕެނަލްޓީއެއް ނޫނެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ސްޓާލިން ވެއްޓުނީ މާ ފަސޭހައިންނެވެ.

ގިނަ ފުޓުބޯޅަ އެނަލިސްޓުން ވެސް ދެކޭ ގޮތުގައި އެއީ ޕެނަލްޓީއެއް ނޫނެވެ. އެއީ ވީއޭއާރުން ނިންމި ގޯސް ނިންމުމެކެވެ. އަދި މެޗުގައި ވީއޭއާރުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ގިނަ އެނަލިސްޓުން ފާހަގަ ކުރެއެވެ.

ޔޫރޯ 2024 ގެ ގްރޫޕް ސީގައި މިރޭ އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުގެ ހަނދާންތައް އާކޮށް ބަދަލުހިފަން ބޭނުން ނުވާ ކަމަށް ޑެންމާކުގެ ކޯޗު، ރަސްމުސް ޖުލްމަންޑް ވަނީ ބުނެފައެވެ.

"އަހަރެން ނުބަލަން އެމެޗަކަށް. އެމެޗުގެ ހަނދާންތަކެއް ނުވެސް ގެންނަން. އަހަރެމެން ފުޓުބޯޅަ މެޗުތަކަށް ބަލާނީ ކުރިމަތީގައި ހުންނަ ދޮރުން. އެ ދޮރުން ބަލާއިރު އަހަރެމެންގެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެން އެ ވަގުތަކަށް ނުވެސް ވިސްނާނަން. އެހެން ބުންޏަސް ބައެއް ކުޅުންތެރިން އެކަމަށް ވިސްނާފާނެ. އެހެންވިޔަސް މިއީ މުޅިން އާ މެޗެއް. އިންގްލެންޑް ވަރަށް ވަރިގަދަ. ފޯކަސް ގެއްލުވާލައިގެން ނުވާނެ،" ޖުލްމަންޑް ބުންޏެވެ.

ކޯޗާއެކު ޕްރި މެޗު ޕްރެސްގައި ބައިވެރިވެފައި ވަނީ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްއެވެ. އެ ޕްރެސްގެ ތެރެއިން ޝޫމައިކަލް ބުނީ އޭނާއަކީ ފަހަތަށް ބަލާ، ވިސްނާ މީހެއް ނޫން ކަމަށެވެ.

ޖުލްމަންޑް އިތުރަށް ޕްރެސްގައި ބުނީ އިންގްލެންޑް ކައިރިންވި ބަލި ހަނދާން ނައްތާލަން އުނދަގޫވި ނަމަވެސް އެ މެޗުންނާއި އެ ޔޫރޯއިން ލިބުނީ ޕޮސިޓިވް ބައިވަރު ފިލާވަޅުތަކެއް ކަމަށެވެ.

އިންގްލެންޑާއި ޑެންމާކު ވާދަކުރާ ގްރޫޕް ސީގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.