މުބާރާތްތަކުގެ މެޗުތަކުން މޮޅުވާ މޮޅުވުމަށް ޝުކުރު ނުކުރުމަކީ އިންގްލެންޑް ސަޕޯޓަރުން އާންމު ކަމެއް ކަމަށާއި އެކަމަށް ހޭނިއްޖެ ކަމަށް އިންގްލެންޑްގެ ކޯޗު، ގެރެތު ސައުތުގޭޓް ބުނެފިއެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ކުޅުނު އިންގްލެންޑުން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައެއްގައި އިންގްލެންޑުން ރަނގަޅަށް ކުޅުނު ނަމަވެސް، ފަހުން ސާބިއާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފައެވެ. އިންގްލެންޑްގެ ފަރާތުން ވަނދު ކުޅުމެއް ފެނުނު ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، އެކަމަށް ސައުތުގޭޓް ވަނީ ރައްދު ދީފައެވެ.
"މުބާރާތްތަކުގައި މެޗުތަކުން މޮޅުވުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން. އަދި މި މުބާރާތަށް ބަލައިލީމާ އެކަން ފެނޭ. އެހެން މުބާރާތްތަކާ އެއްގޮތެއްވެސް ނޫން، މިފަހަރު ޔޫރަޕްގެ ހުރިހާ ގައުމެއްގެ ސަޕޯޓަރުން ދަނޑަށްވަދެ ފުރިހަމައަށް ސަޕޯޓުވެސް ދެމުންދަނީ. އެހެންވީމަ މޮޅުވުމުން، އެ މޮޅަށް ޝުކުރުވެރިވާން ޖެހޭ،" މިރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސައުތުގޭޓް ބުންޏެވެ.
"އަހަރެން މި މާހައުލުގައި ގައުމީ ޓީމާއެކު އުޅޭތާ މިހާރު އަށް އަހަރުވީ. އެހެންވީމާ އަހަންނަށް އެނގޭ ހުރިހާ އެއްޗެއް. ކުރިން އަހަރެން ރުޅި އާދޭ (ފާޑުކިޔުމުން). އެކަމަކު މިހާރު މިހުރީ ހޭނިފައި، އިންގްލެންޑް ސަޕޯޓަރުންގެ އުންމީދުތައް އަބަދުވެސް މާ މަތިވާނެ،" ސައުތުގޭޓް އިތުރަށް ޕްރެސްގައި ބުންޏެވެ.
މިއީ އިންގްލެންޑްގެ ތާރީހުގައިވެސް ޔޫރޯ ފެށި މެޗަކުން މޮޅުވި ދެވަނަ ފަހަރެވެ. ސައުތުގޭޓް ބުނީ ކުޅުންތެރިންގެ ފަރާތުން މިދިޔަ އަހަރުތަކުގައި ރަނގަޅު އެތައް މެޗެއް، ރަނގަޅު އެތައް ނަތީޖާއެއް ފެނިގެން ގޮސްފި ކަމަށާއި ސަޕޯޓަރުންގެ ފަރާތުން އެދޭނީ ގޯސް ކަންތައްތަކުގައި އޭނާއަށް ޕްރެޝަރުކުރިޔަސް، ކުޅުންތެރިންގެ ހިތްހަމަ ޖެހުމަށް ވިސްނުމަށް ކަމަށެވެ.
ސައުތުގޭޓް ސަޕޯޓަރުންނަށް ސީދާ ބަހުގެ ހަމަލާތައް ދީފައިވާ އިރު، އިންގްލެންޑުން މިރޭ ޑެންމާކާ ދެކޮޅަށް ނުކުންނާނި ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024