ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް ބީގައި މިރޭ ސްޕެއިނާއި އިޓަލީ ވާދަކުރާ މެޗަކީވެސް ފައިނަލެއް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ރަޕްގެ ހެވީވެއިޓުން ކަމަށްވާ، ޔޫރޯ 2020 ގެ ޗެމްޕިއަން އިޓަލީ އާއި މުބާރާތް ރެކޯޑު އަދަދަކަށް ހޯދާފައިވާ ސްޕެއިން މިރޭ ގްރޫޕް ސްޓޭޖުގައި ކުރިމަތިލާ އިރު، އެ ކުރިމަތިލުން ވެގެންދާނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނިގެންދާނެ އެންމެ ވަރުގަދަ ކުރިމަތިލުމަށެވެ. މިރޭގެ މެޗަށް ނުކުންނަ އިރު، ދެ ޓީމުވެސް އޮތީ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެފައެވެ. ސްޕެއިން ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން ވަނީ 3-0 އިން މޮޅުވެފައެވެ. އިޓަލީ އަލްބޭނިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ފަހަތުން އަރައެވެ.
އެންމެފަހުން ޔޫރޯ 2020 ގައި އިޓަލީ އާއި ސްޕެއިން ވާދަކުރި މެޗުން އިޓަލީ މޮޅުވީ ޕެނަލްޓީގައެވެ.
މިރޭގެ މެޗާ ގުޅޭގޮތުން އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ޑެ ލަ ފުއެންޓޭ ބުނީ އިޓަލީއަކީ ކޮންމެ މުބާރާތެއްގެ ތަށްޓަށް ވާދަކުރާ ޓީމެއް ކަމަށާއި ސްޕެއިނާއި އިޓަލީ ބައްދަލުކުރާ ކޮންމެ މެޗަކީވެސް "ކްލަސިކް" އެއް ކަމަށެވެ.
"އިޓަލީއަކީ ހުރިހާ މުބާރާތެއްގައިވެސް ތަށްޓަށް ވާދަކުރާނެ ޓީމެއް. ސްޕެއިނާއި އިޓަލީން ވާދަކުރާ މެޗެއް ވެއްޖެއްޔާ އެއީ ކްލަސިކެއް. އެއީ އަބަދުވެސް ވާނީ ފައިނަލަކަށް. އެއީ ގްރޫޕް ސްޓޭޖު މެޗެއް ނަމަވެސް. އިޓަލީގައި މިހާރު ހުރީ މޮޅު ކޯޗެއް، މޮޅު އެތައް ކުޅުންތެރިންނެއް އެބަތިބި. އަދި ހާއްސަކޮށް އިޓަލީގެ ފުޓުބޯޅަ ސަގާފަތާ އެކު، އެގައުމަކީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމު،" ސްޕެއިންގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ކުރިން ހޭދަކުރި ޑެ ލަ ފުއެންޓޭ ބުންޏެވެ.
އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ޑެ ލަ ފުއެންޓޭ ބުނީ އިޓަލީއަށް އިހުތިރާމް ކުރާ ނަމަވެސް، މޮޅުވާން މަސައްކަތް ކޮށް، ގަދަ 16 ޔަގީން ކުރަން ޓީމު އޮތީ ތަފާތު ރޫހެއްގައި ކަމަށެވެ.
މިއީ ބޮޑެތި މުބާރާތްތަކުގައި އިޓަލީ އާއި ސްޕެއިން ކުރިމަތިލާން ޖެހޭ 11 ވަނަ ފަހަރެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރޯއިން ފެށިގެން މިރޭގެ މެޗާ ހަމައަށް އިޓަލީ އާއި ސްޕެއިން ޔޫރޯގައި އެކަނިވެސް ފަސް މެޗެއްގައި ކުރިމަތިލާފައިވެއެވެ. މީގެ ކުރިން ވޯލްޑް ކަޕާއި ޔޫރޯގައި ކުޅުނު 11 މެޗުގެ ތެރެއިން އިޓަލީ ސްޕެއިން ކައިރިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި އެކަންޏެވެ.
މިރޭ އިޓަލީ އާއި ސްޕެއިން ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024