ޔޫރަޕްގެ ހެވީވެއިޓުން ކަމަށްވާ، ޔޫރޯ 2020 ގެ ޗެމްޕިއަން އިޓަލީ އާއި މުބާރާތް ރެކޯޑު އަދަދަކަށް ހޯދާފައިވާ ސްޕެއިން މިރޭ ގްރޫޕް ސްޓޭޖުގައި ކުރިމަތިލާނެއެވެ. އެ ކުރިމަތިލުން ވެގެންދާނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނިގެންދާނެ އެންމެ ވަރުގަދަ ކުރިމަތިލުމަށެވެ. ފައިނަލަކަށެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ދެ ޓީމުވެސް އޮތީ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެފައެވެ. ސްޕެއިން ފުރަތަމަ މެޗުގައި މޮޅުވީ 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ އަތުންނެވެ. އިޓަލީ އަލްބޭނިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ފަހަތުން އަރައެވެ. އަލްބޭނިއާއިން އެމެޗުގައި ޖެހި ގޯލަކީ، ޔޫރޯ ތާރީހުގައިވެސް އެންމެ އަވަސް ގޯލެވެ. ދެ ޓީމުގެ ސްޓައިލް ތަފާތެވެ. އެ ތަފާތަށް ސުވާލުކުރަމުން ނޫސްވެރިޔަކު އެހި ސުވާލަކަށް ޖަވާބު ދެމުން އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެޓީ ބުނީ، އިޓަލީ ނުކުންނާނީ ސްޕެއިން ކައިރީ ރީތިކޮށް ކުޅެން ތައްޔާރު ވެގެން ކަމަށެވެ.
"އަހަރެމެން ލަނީ ޖޯޖިއޯ އަރްމާނީ. ޖޯޖިއޯ އާމާނީ އެނގޭނެ ދުނިޔޭގެ އެންމެންނަށް،" އިޓަލީއަށް ސްޕެއިން ކައިރީ، އޭނާގެ ސްޓައިލްގައި ކުޅެވިދާނެތޯ އެހުމުން ސްޕަލެޓީ ބުންޏެވެ.
"އަހަރެމެން އޭގެ ސޫޓުގައި އަައިސް، ކުޅެން އަރާފައި ބަލާނީ އެހާ ހިތްގައިމު ރީތިކޮށް ކުޅެވޭތޯ. އަހަރެމެންގެ ގޭމް، އަހަރެމެންގެ ސްޓައިލުގައި ކުޅެން ބޭނުންވަނީ. އަހަރެމެން މެޗަށް ނުކުންނާނީ އަރްމާނީ ސޫޓްހާ ރީތި ސްޓައިލެއްގެ ބޯޅައެއް ކުޅެން. އެހެންނަމަވެސް، ހަޑިވާން ޖެހިއްޖެ ހާލަތުގައި ހަޑިވެސް ވާނެ،" ނަޕޯލީއާއެކު އިޓަލީ ލީގު ހޯދި ސްޕަލެޓީ ބުންޏެވެ.
އުމުރުން 65 އަހަރުގެ ސްޕަލެޓީ ބުނީ ސްޕެއިން ކައިރީގައި އެއް ފެންވަރެއްގައި، އެއް އަވަސް މިނެއްގައި އެއްވެސް ފޯކަސްއެއް ގެއްލުވާނުލައި، 90 މިނެޓް ހިފަހައްޓާލަން ޖެހޭނެ ކަމަށެވެ. ނޫންނަމަ، ސްޕެއިނުން އިޓަލީއަށް ލަނޑެއް ދީފާނެ ކަމަށް އޭނާ ބުންޏެވެ.
ސްޕަލެޓީ ބުނީ އިޓަލީ އާއި ސްޕެއިން ފަދަ ޓީމުތައް ވާދަކުރާ މެޗުތަކަކީ ފަހުން ކިޔައިދޭން ޖެހޭނެ ފަދަ ކަންކަން ހިނގާނެ މެޗުތައް ކަމަށެވެ.
އިޓަލީ އާއި ސްޕެއިން ވާދަކުރާ މެޗުން މޮޅުވާ ޓީމެއް، އެ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދާނެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024