ފްރާންސުން އެންމެފަހުން ކުޅުނު މެޗުގައި އަނިޔާވި އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ނޭފަތް ބެންޑޭޖުކޮށްގެން ތަމްރީނުތަކަށް ނުކުމެއްޖެއެވެ.

އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސްފައި ވަނީ ފްރާންސުން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައެވެ. އޮސްޓްރިއާއާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި މެޗުގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ދިޔައީ ފަހު ހާފުގައި، ބޯޅައިގައި ބޮލުން ޖަހަން އުޅެނިކޮށް، އޮސްޓްރިއާގެ ކެވިން ޑެންސޯ ކޮނޑުގައި މޫން ޖެހިގެންނެވެ.

އެ މެޗުގައި އެމްބާޕޭއަށް އަނިޔާވެގެން ފަރުވާ ދިނުމަށްފަހު ނުކުޅެވިގެން ދަނޑުމަތީގައި އިށީންނުމުން، ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ. ފްރާންސުން އޭނާ ބަދަލު ކުރީ އޭގެ ފަހުންނެވެ. އެމްބާޕޭ ދަނޑުން ބާލައިގެން ގެންގޮސްފައި ވަނީ ހޮސްޕިޓަލަށެވެ. ފްރާންސް ފެޑެރޭޝަނުން ބުނީ އެމްބާޕޭގެ އަނިޔާއާ ބެހޭ އިތުރު މައުލޫމާތު އިއްޔެ ހާމަކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެ ތަފްސީލު އަދި ދީފައެއް ނުވެއެވެ.

ޖަރުމަނުގެ ޑުސަލްޑޯފް ހޮސްޕިޓަލާ ހަވާލާ ދީ ނޫސްތަކުން ބުނެފައި ވަނީ އެމްބާޕޭގެ ނޭފަތް ބިނދުނުކަން ޔަގީން ކަމަށެވެ. އަދި އޮޕަރޭޝަނެއް ކުރަން ފުރަތަމަ ނިންމި ނަމަވެސް، ފަހުން އޮޕަރޭޝަން ނުކުރަން ނިންމީ ޔޫރޯ އެއްކޮށް ގެއްލިދާނެތީއެވެ.

ފްރާންސް ފެޑަރޭޝަނުން ބުނެފައި ވަނީ މާސްކެއްގައި އެމްބާޕޭ މެޗަށް ނެރެން ތައްޔާރުވެފައިވާ ކަމަށެވެ. އެމްބާޕޭ ވަނީ އޭނާ އަޅާނެ މާސްކެއްގެ ހިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައިވެސް ޖަހައިފައެވެ.

ފްރާންސުން ދެން ކުޅޭ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން އެމްބާޕޭ ފެނުން އެކަށީގެންވެއެވެ. އެއީ އޭނާ ތަމްރީނުތަކަށް ނުުކުތުމުންނެވެ. އެހެން ނަމަވެސް، އެކަމަށް ފައިނަލް ޖަވާބެއް އަދި ނުދެއެވެ.