ޕޯޗުގަލްއާއި ޗެކު ރިޕަބްލިކް ރޭ ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗުގެ ކުރިން ރިޕަބްލިކްގެ ކޯޗު، އިވާން ހަސޭކް ބުނި ވާހަކައަކަށް މީޑިއާގެ ފޯކަސް އޮތީ ހުއްޓިފައެވެ. ރޭގެ މެޗުގެ ކުރިން ރޮނާލްޑޯގެ ރެކޯޑާއި، މުބާރާތުގައި އޭނާގެ ކުޅުމަށްވެސް އަލިއަޅުވާލައި ޗެކުގެ ކޯޗު ހަސޭކް ބުނީ ޕޯޗުގަލްގައި ތިބި ސްޓާރުން ހުއްޓުވަން ގޮތެއް ހޯދަން ޖެހޭ ކަމަށާއި، މެޗު ނިންމާފައި ދަމުން ބުނަން ބޭނުންވަނީ ރޮނާލްޑޯ ބަލިކޮށްލި ވާހަކަ ކަމަށެވެ.
ރޮނާލްޑޯ ގާތުގައި އެހެން ބުނަން ބޭނުންވާ ކަމަށް ބުނުމުން ހަސޭކަށް ޕޯޗުގަލް ސަޕޯޓަރުންގެ ނުރުހުން އަމާޒުވި ނަމަވެސް، އޭނާއަކީ ޔަގީނުންވެސް މިހާރު ރޮނާލްޑޯގެ ސަޕޯޓަރެކެވެ. ޕޯޗުގަލްއިން ރޭ ޗެކު ބަލިކުރީ 2-1 އިންނެވެ. ފަހު މިނެޓު ޕޯޗުގަލްއިން ނަތީޖާ އަނބުރާލި އިރު، ރޮނާލްޑޯގެ ގޯލެއް ނުފެނުނު ނަމަވެސް، ޕޯޗުގަލްގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ އޭނާއެވެ. ހަސޭކް ވެސް ފާހަގަކުރީ އެކަންތަކެވެ.
"އުމުރުން 39 އަހަރުގައި ރޮނާލްޑޯގެ ނުރައްކާތެރިކަން ގަބޫލުކުރަންވެސް ދަތި. އަނެއްކާވެސް ރޮނާލްޑޯ އެ ދައްކާލީ އޭނާއަކީ ތަފާތު ސިކުނޑިއެއް ގެންގުޅޭ ކުޅުންތެރިއެއްކަން. މެޗު ތެރެއިން ފުރުސަތުތައް ހޯދަން ރޮނާލްޑޯއަށް އެނގޭ. އަހަރެން ރޮނާލްޑޯއަށް ސެލިއުޓް ކުރަން. އެއީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ،" ހަސޭކް ރޭގެ މެޗަށްފަހު ބުންޏެވެ.
ޕޯޗުގަލްއަށް ފުރަތަމަ ހާފުގައި އުފައްދައިދިން ނުރައްކާތެރި ދެ ފުރުސަތުގެ އިތުރުން ފަހު ހާފުގައިވެސް ރޮނާލްޑޯ ވަނީ ނުރައްކާތެރި ދެތިން ހަމަލާއެއް ގޯލަށް ފޮނުވާލައިފައެވެ. އޭނާއަށް ރޭ ގޯލެއް ނުޖެހުނު ނަމަވެސް، އަދި ބާކީ ބައިގައި ގޯލެއް ޖަހައި، ޔޫރޯގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024