ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލުން ޗެކު ރިބަޕްލިކް ބަލިކޮށްފިއެވެ.
ލެއިޕްޒިގް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލުން ޗެކު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލުން މިފަހަރުވެސް ނުކުމެފައި ވަނީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. އެޓީމަކީ ގިނަ ބައެއްގެ ނަޒަރުގައި ފެވަރިޓުންގެ ތެރޭގައި ހިމެނޭވެސް ޓީމެކެވެ. ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންގެ ރަނގަޅު ބެލެންސެއް އޮތް ޕޯޗުގަލްގެ އެންމެ ހާއްސަ ކުޅުންތެރިޔަކީ މިދިޔަ ފަސް ޔޫރޯގައިވެސް އެ ޓީމަށް ގޯލު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިރޭގެ މެޗަށް ރޮނާލްޑޯ ނުކުތީ އޭނާގެ ކެރިއަރުގެ ހަވަނަ ޔޫރޯ މުބާރާތަށެވެ. 2004 ވަނަ އަހަރު ޔޫރޯއިން ފެށިގެން މިފަހަރުގެ ޔޫރޯއާ ހަމައަށް ހުރިހާ މުބާރާތެއްގައި ރޮނާލްޑޯ ކުޅެފައިވާ އިރު، އޭނާއަކީ އެ ޝަރަފު ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ. އަދި އޭގެ އިތުރުން މިރޭގެ މެޗު ހާއްސަވީ ޕޯޗުގަލްގެ ޑިފެންޑަރު އުމުރުން 41 އަހަރު ޕެޕޭ އަށެވެ. އޭނާ ވެގެން ގޮސްފައިވަނީ ޔޫރޯއެއްގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ރޮނާލްޑޯއާއި ޕޯޗުގަލް ހުއްޓުވަން މިރޭ ޗެކުން ނުކުމެފައިވާ އިރު، އެ ޗެލެންޖް ފުރަތަމަ ހާފުގައި އުނދަގޫވިއެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ޕޯޗުގަލުން ބޯޅަ ހިފަހައްޓައިގެން، މުޅި މެޗު ކޮންޓްރޯލް ކޮށް ކުޅެމުން ދިޔައެވެ. ފުރަތަމަ ހާފުގައި ޗެކަށް ނޭވައެއް ލާނެ ފުރުސަތެއް ނުދީ ޕޯޗުގަލުން ބޯޅަ ހިފެހެއްޓިއެވެ.
އެހެންނަމަވެސް، ހަމަލާތައް ފެނުނީ މަދުކޮށެވެ. ޕޯޗުގަލްގެ އެންމެ ނުރައްކާ ކުޅުންތެރިޔަކަށްވީ ރޮނާލްޑޯއެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ޔިންޑްރިޗް ސްޓަނެކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެފަހުން ޖޮއާ ކެންސެލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާވެސް، ޗެކްގެ ކީޕަރު ސްޓަނެކް ވަނީ މަތަކޮށްފައެވެ.
އޭގެ އިތުރުން ވިޓީނިއާއާއި ރަފޭލް ލެއާއޯގެ ނުރައްކާ ފުރަތަމަ ހާފުގައި ފާހަގަވެގެން ގޮސްފައިވެއެވެ. ޕޯޗުގަލްއަށް މަދުވީ ގޯލެކެވެ.
ދެވަނަ ހާފުގެ ފެށުންވެސް ޑޮމިނޭޓް ކުރީ ޕޯޗުގަލުންނެވެ. ހާފުގެ ކުރީކޮޅުގައި ޑިއާސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންޑަރު ތޯމަސް ހޯލްސްގެ ބޮލުގައި ޖެހި ވަނީ ބްލޮކްވެފައެެވެ. އެއީ ނުރައްކާތެރިކޮށް ދިޔަ ހަމަލާއެއް ނަމަވެސް ކާމިޔާބެއް ނުވިއެވެ.
ދެން ފެނުނީ މެޗުގައި އެންމެ ހައިރާންކަން ގެނުވި ވަގުތުކޮޅެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޗެކުން ލީޑު ނެގިއެވެ. ލަޑިމިއާ ކޯފާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރޮވޯޑެވެ. އޭނާގެ ބޯޅަ އަމާޒުކޮށްލާފައިވަނީ ޕޯޗުގަލް ގޯލުގެ މަތީ ކަނަކަށެވެ. މޮޅު ގޯލެކެވެ.
އެ ގޯލާއެކު ރޮނާލްޑޯއާއި ޕޯޗުގަލަށް ސިހުމެއް ލިބުނެވެ، އެހެންނަމަވެސް ކުރަމުންދިޔަ މަސައްކަތައިގެން އަނެއްކާވެސް ކުޅުން ފަށައި، 69 ވަނަ މިނެޓުގައި ޕޯޗުގަލުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ ޗެކް ޑިފެންޑަރު ރޮބިން ހްރަނަކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވިޓީނިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނޫނޯ މެންޑޭޒް ބޮލުން ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ސްޓަނެކް މަތަކުރި ނަމަވެސް، ހްރަނަކްގެ ފައިގައި ޖެހި ވަނީ ބައިކޮޅަށް ވަދެފައެވެ.
އެ ގޯލާއެކު ޕޯޗުގަލުން މޮޅަކަށް ކުރިއަށް ޖެހި ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އަދި ލިބޭ ފުރުސަތުތަކުގައި ޗެކުން ދިޔައީ ނުރައްކާވެސް ކުރަމުންނެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން ޕީޓާ ސުވަޗެކް ފޮނުވާލި ހަމަލާއެއް ޕޯޗުގަލް ޑިފެންޑަރު ޑިއާޒް ބްލޮކްކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން ޗެކްގެ ކެޕްޓަން ސޯޗެކް ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗު ނިމެންދަނިކޮށް، ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާވެސް ލިއެވެ. ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ޖޮޓާއަށް ލިބުނު ރީބައުންސް ބޯޅަ، ޗެކްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ރޮނާލްޑޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މެޗުގެ ލީޑު ޕޯޗުގަލުން ނެގީ ފަހު މިނެޓުގައެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހެއް ރޮބިން ހްރެނަކް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗިކޯ ކޮންޗޭކާއޯއެވެ. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު ހުރީ ވަރަށް ހުސްކޮށެވެ.
އެ ގޯލާއެކު ޕޯޗުގަލުން މެޗު ކާމިޔާބުކުރިއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024