އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ފަސް އަހަރު ވަންދެން ހަވާލުވެ ހުރި ކޯޗު، އީގޯ ސްޓިމަކް މަގާމުން ދުރުކޮށްފިއެވެ.

އުމުރުން 56 އަހަރުގެ ސްޓިމަކް މަގާމުން ދުރުކުރަން އިންޑިއާގެ ފުޓުބޯޅަ އިދާރާ އިން ނިންމީ އިއްޔެއެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ އޭއެފްސީ އޭޝިއަން ކަޕާއި ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުންނެވެ. އެންމެފަހުން އިންޑިއާ އިން ގަތަރާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރަށް ގޮސް އޭޝިއަން ކަޕަށް ދާން ފުރުސަތު ވަނީ ގެއްލިފައެވެ.

މި ފަހަރުގެ ކޮލިފިކޭޝަން ކެމްޕޭނުގައި އިންޑިއާ އިން ފުރަތަމަ ކުވައިތު ބަލިކުރި ނަމަވެސް، އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އަދި އަމިއްލަ ފަސްގަނޑުގައި ކުވައިތާ ދެކޮޅަށް ފަހުންވީ އެއްވަރެވެ. މި ފަހަރުގެ އޭޝިއަން ކަޕާއި ވޯލްޑް ކަޕްފެ ނަތީޖާ ރަނގަޅު ނޫންނަމަ، ކުރިންވެސް އިންތިއުފާ ދޭނެ ކަމަށް ސްޓިމަކް ބުނެފައި އޮތް ނަމަވެސް އޭނާ ވަކިކުރީ ފެޑަރޭޝަނުންނެވެ.

ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސްޓިމަކަށް އެއްބަސްވުން އުވާލިކަން އަންގާ ލިޔުން ދީފައިވާ ކަމަށާއި އެދެނީ ކާމިޔާބީއަށް ކަމަށެވެ. އަދި އިންޑިއާ ފުޓުބޯޅައަށް މިދިޔަ ފަސް އަހަރު ކޮށްދިން ހިދުމަތަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.

ސްޓިމަކާއި އިންޑިއާ ފެޑަރޭޝަނާ ބައެއް މައްސަލަތައް ޖެހި، ބައެއް މެޗުތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށާއި އޭޝިއަން ކަޕަށް ޓީމު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް އޭނާ ވަނީ ކުރިންވެސް ބުނެއެވެ. އެއީ ލީގު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތީއެވެ.

ސްޓިމަކް އިންޑިއާ އާއެކު 2019 އަދި 2023 ވަނަ އަހަރު އޭޝިއަން ކަޕަށް ގޮސްފައިވާ އިރު، އޭނާ ވަނީ ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލައިލާފައެވެ. ސްޓިމަކާއެކު އިންޑިއާ އިން ކުޅުނު 53 މެޗުގެ ތެރެއިން 19 މެޗުން އެ ޓީމު މޮޅުވި އިރު، ބަލިވީ 20 މެޗުންނެވެ. އޭގެ ތެރެއިން 14 މެޗު އެއްވަރުވި އިރު، އޭނާގެ މޮޅުވުމުގެ ޕަސެންޓަކީ 35.8 ޕަސެންޓެވެ.