ފްރާންސުން ރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖު މެޗުގެ ދެވަނަ ހާފުގައި ލިބުނު އަނިޔާގެ ސަބަބުން ކެޕްޓަން ކިލިއަން އެމްބާޕޭގެ ނޭފަތް ބިންދައިގެން ދިޔަ ނަމަވެސް، ސާޖަރީއަކަށް މުބާރާތުގެ ތެރެއިން ނުދާން ނިންމާފައިވާ ކަމަށް ފްރާންސުން ބުނެފިއެވެ.
މިދިޔަ 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ފްރާންސުން މި ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އޮސްޓްރީ ބަލިކުރީ 1-0ގެ ހަނި ތަފާތަކުންނެވެ. ފްރާންސަށް އުނދަގޫވި މެޗުގައި އެ ޓީމަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމަކީ ޓީމުގެ ތަރި އެމްބާޕޭއަށް އަނިޔާވެ ބާލަން ޖެހުމެވެ.
އޭރިއާ ތެރެއިން ބޮލުން ބޯޅައިގައި ޖަހަން އުޅެނިކޮށް، މޫނު ގޮސް އިދިކޮޅު ކުޅުންތެރިޔާ ކޮނޑުގައި ޖެހި އެމްބާޕޭގެ ނޭފަތް ވަނީ ބިންދައިގެން ގޮސްފައެވެ. ލޭވެސް ބައިވަރު ފޭބުމާއެކު މެޗުގެ ތެރެއިން އޭނާ ވަނީ ބަދަލުކޮށްފައެވެ.
މެޗަށްފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނީ އެމްބާޕޭގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށާއި ޓީމުގެ މެޑިކަލް ޓީމުން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މީޑީއާތައް ބުނެފައިވާ ގޮތުގައި ޑޮކްޓަރު ފުރަތަމަ އިރުޝާދު ދިނީ ނޭފަތުގެ ސާޖަރީއެއް ހެދުމަށެވެ. އެއީ ކަށިކޮޅު ސީދާ ކުރުމަށެވެ.
އެހެން ނަމަވެސް، ސާޖަރީއެއް ހަދައިފިނަމަ، އެމްބާޕޭއަށް ޔޫރޯ އެއްކޮށް ގެއްލޭނެ ކަމަށް ބެލެވުމާއެކު ފްރާންސް ގައުމީ ޓީމުން މިހާރު ވަނީ ސާޖަރީ މަޑުޖައްސާލަން ނިންމައިފައެވެ.
ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވީ ނަމަވެސް، އޭނާ އެނބުރި ކޭމްޕަށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ސާޖަރީ ނަހަދަން ނިންމީ ޓީމް ޑޮކްޓަރުންނާވެސް މަޝްވަރާ ކޮށްފައި ކަމަށާއި އެމްބާޕޭ ކުރިއަށް އޮތް މެޗަށް ފިޓްވާނެ ކަމަށް ބުނަން އަދި ނޭނގޭ ކަމަށްވެސް އެފްއޭ އިން ބުންޏެވެ.
އޭގެ އިތުރުން އެފްއޭ އިން ބުނެފައި ވަނީ އެމްބާޕޭ ކުރިއަށް އޮތް ޓީމު ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ. އޭނާ ބައިވެރިވާނީ މާސްކެއް އަޅައިގެން ސަލާމަތަށް ބަލައިގެން ކަމަށްވެސް ފްރާންސް އެފްއޭއިން ބުންޏެވެ،
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024