މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ޕޯޗުގަލްގެ ޓީމުގައި ކޯޗު ރޮބާޓޯ މާޓިނެޒް ވަނީ އުމުރުން 39 އަހަރުވީ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފައެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރުމާމެދު ވަކިގޮތެއް އަދި ވަކިތާވަލެއް ކްރިސްޓިއާނޯ ރޮނާލްޑޯ އިއުލާނެއް ނުކުރެއެވެ. އެހެންކަމަށްވިޔަސް ވަރަށް ގިނަބައެއްގެ ނަޒަރުގައި މިފަހަރުގެ ޔޫރޯއަކީ ރޮނާލްޑޯގެ ވަދާއީ މުބާރާތެވެ. ޔޫރޯއަކީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރާ އެންމެ ބޮޑަށް ގުޅިފައިވާ މުބާރާތެވެ. އޭނާ ޕޯޗުގަލްގެ ޖާޒީގައި އެންމެ ފުރަތަމަ ގޯލެއް ޖެހީވެސް މީގެ ވިހި އަހަރު ކުރިން 2004 ވަނަ އަހަރުގެ ޔޫރޯގައެވެ. އެ ފަހަރު ޕޯޗުގަލް ފައިނަލަށް ގެންގޮސްދިނުމުގައިވެސް އެންމެ ބޮޑު ދައުރެއް އަދާކުރީ ރޮނާލްޑޯއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޕޯޗުގަލްއަށް މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުގައި 2016 ވަނަ އަހަރު ލިބުނީވެސް ޔޫރޯގައެވެ. އެ ފަހަރު ތަށި ހޯދީ ޕޯޗުގަލްއެވެ. މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖަހައިގެން ރިހި ބޯޓު ގެންދިޔައީވެސް ރޮނާލްޑޯއެވެ. އޭގެ ހަތަރު އަހަރު ފަހުން 2000 ވަނަ އަހަރުގެ ޔޫރޯގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓު ހޯދި ކުޅުންތެރިއަކީވެސް ރޮނާލްޑޯއެވެ. ޔޫރޯގެ ހުރިހާ މުބާރާތެއް ހިމަނައިގެން ޔޫރޯގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ޖުމްލަޔަކީ ސާދަ ގޯލެވެ. ޔޫރޯއަށް ކޮލިފައިވުމުގެ ބުރުތައްވެސް ހިމަނައިގެން އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑުވެސް އޮތީ ރޮނާލްޑޯއަށެވެ. ޖުމްލައަކީ 45 ގޯލެވެ. ޔޫރޯއަކީ ރޮނާލްޑޯގެ ވިދުން އެންމެ ގަދަ މުބާރާތަށްވާއިރު މިހާތަނަށް ޔޫރޯގައި އޭނާއަށް ލިބިފައި ނެތް ހަމައެކަނި އެއްޗަކީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ޕޯޗުގަލް ޗެމްޕިއަންކަން ހޯދި ފަހަރު އެ އެވޯޑު ގެންދިޔައީ ފްރާންސްގެ ގްރީޒްމަނެވެ.

އެންމެފަހުގެ ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފު ރޮނާލްޑޯ ހޯދިއަސް މޮޅު ކުޅުންތެރިއާގެ އެވޯޑް ގެންދިޔައީ ޗެމްޕިއަން އިޓަލީގެ ގޯލްކީޕަރު ޑޮނަރުންމާއެވެ. ކޮންމެއަކަސް ރޮނާލްޑޯއާ އެންމެ ދޯޅު މުބާރާތަކީ ޔޫރޯއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޭނާގެ ވިދުން އެންމެ ގަދަ ސްޓޭޖަކީވެސް ޔޫރޯއެވެ. އެހެންވީމާ އުމުރުން 39 އަހަރުގައި ބައިނަލްއަގުވާމީ ފުޓްބޯޅައިން ވަކިވުން ފާހަގަކުރުމަށްވެސް އެންމެ މުނާސަބު މުބާރާތަކީ ޔޫރޯއެވެ. މި ސަބަބާ ހެދި މި ފަހަރަކީ ރޮނާލްޑޯގެ ވަދާއީ މުބާރާތް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެނީއެވެ. ރޮނާލްޑޯ މި ވަގުތު ކުޅެމުންދަނީ ޔޫރަޕުން ބޭރުގައެވެ. ސައޫދީ ލީގުގައި އައްނަސްރަށެވެ. އުމުރުން ސާޅީސްވާން ކައިރިވެއްޖެއެވެ. މިކަންކަން މިހެން ހުރީމާ މި ފަހަރުގެ ޔޫރޯގައި ކުޅުމުގެ ފުރުސަތު ރޮނާލްޑޯއަށް ދޭން ކޯޗު ރިބާޓޯ މާޓިނެޒް ނިންމަފާނެ ބާވައެވެ. ގިނަ ބައެއްގެ ހިޔާލުގައި ރޮނާލްޑޯއަށް ކުޅުމުގެ ފުރުސަތު ދޭނެއެވެ. މިހާރުވެސް އެހެރީ ކުރީގެ ރޮނާލްޑޯކަން ސާބިތުކޮށް ދެވިއްޖެނަމަ ހުރިހާ މެޗެއްގައިވެސް ފުރަތަމަ އެގާރައިން ޖާގަ ދިނުން އެކަށީގެންވެއެވެ.

މިދެންނެވި ފުރުސަތު ލިބި ރޮނާލްޑޯގެ އަސްލު ފެންވަރު ދައްކައިލެވިއްޖެނަމަ މިހާތަނަށް ޔޫރޯގައި އޭނާއަށް ލިބިފައިނެތް ހަމައެކަނި އެވޯޑް ކަމަށްވާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިދާނެއެވެ. ރިޓަޔާކުރުމުގެ ކުރިން އެއީ ރޮނާލްޑޯގެ ތާޖުގައި ޖެހޭ ޖަވާހިރަކަށްވެސް ވާނެއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގޯޓަކީ ރޮނާލްޑޯތޯ ނުވަތަ މެސީތޯ ކުރެވޭ ބަހުސްގައި ރޮނާލްޑޯ ކޮޅަށް ތިލަފަތް ބަރުކުރަން ލިބޭ ބާރަކަށްވެސް ވާނެއެވެ. ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރުގައި ފަރުދާ ދެމިގެންދާއިރު އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ދުނިޔޭގެ ރިކޯޑު ލިބިފައިވާ ފަރާތެވެ.

ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ޖުމްލަ 206 މެޗުން 128 ގޯލު ޖަހައިފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ދުނިޔޭގެ ރިކޯޑާއި ކުލަބް ފުޓްބޯޅައިގައިވެސް އެންމެ ގިނަ ގޯލުޖެހުމުގެ ރިކޯޑް އޮތީ ރޮނާލްޑޯ އަތުގައެވެ. އޭނާގެ ސީނިއާ ކެރިއަރުގައި މިހާތަނަށް 890 ގޯލު ޖަހާފައިވެއެވެ. ކޮންމެއަކަސް ރޮނާލްޑޯ އާއެކު ޕޯޗުގަލްގެ އަދި އެހެން ކުޅުންތެރިއަކުވެސް ވަދާއީ މުބާރާތުގެ ގޮތުގައި މި ފަހަރު ޔޫރޯގައި ކުޅޭނެއެވެ. އެއީ ޑިފެންޑަރު ޕެޕޭއެވެ. ރޮނާލްޑޯއަށްވުރެ ދެ އަހަރު ދޮށީ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިންގެ ސަބަބުން މި ފަހަރު ޕޯޗުގަލްގެ ސްކޮޑްވާނީ ކުޅުންތެރިންގެ އެވްރެޖް އުމުރު އެންމެ ދޮށީ ސްކޮޑް ކަމުގައެވެ.

ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ ބޮލޮންޑޯ މިހާތަނަށް ފަސް ފަހަރު ރޮނާލްޑޯ ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުވެސް ފަސް ފަހަރު ކާމިޔާބުކޮށްފިއެވެ. އިނގިރޭސި، ސްޕެނިޝް އަދި އިޓާލިއަން ލީގު އެއްކޮށްލައިގެން ހަތް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ. ރޮނާލްޑޯގެ ކާމިޔާބީތައް ޖުމްލަކޮށްލީމާ ތަށީގެ އަދަދު ތެއްތިރީހަށް އަރައެވެ. ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިއަކީ ރޮނާލްޑޯކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ކާމިޔާބީތަކުގެ ސިލްސިލާ ދިގު ކަމުންނެވެ. ކޮންމެއަކަސް މިވަރުގެ ކުޅުންތެރިއެއްގެ ކެރިއަރުގައި ފަރުދާ ދެމިގެންދާ މުބާރާތްވާނީ ވަރަށްވެސް ތާރީޚީ މުބާރާތަކަށެވެ.