ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަދިވެސް ޕޯޗުގަލްއަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، ސްކޮޑަށް ނެގީ ނަމަށް ބަލާފައި ނޫން ކަމަށް ކޮޗު ރޮބޭޓޯ މާޓީނޭޒް ބުނެފިއެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލުން މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެގަޑިން 12:00 ގައި ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. މިރޭ މެޗުގެ ކުރިން ދެޓީމުގެ ޕްރެސް ކޮންފަރެންސްގައިވެސް ރޮނާލްޑޯގެ ވާހަކަތައް އައިސްފައިވެއެވެ. އުމުރުން 39 ވަނަ އަހަރުގެ ރޮނާލްޑޯއަށް މިއީ ތާރީހީވެސް މުބާރާތެކެވެ. ގައުމީ ޓީމާއެކު 12 ވަނަ މުބާރާތަށް ނުކުންނަ ރޮނާލްޑޯ، 2004 ވަނަ އަހަރުން ފެށިގެން ދެން ކުޅުނު ކޮންމެ ޔޫރޯއެއްގައި ގޯލު ޖަހާފައިވެއެވެ. މި ޔޫރޯގައި ގޯލު ޖަހައިފިނަމަ، އޭނާ ވެގެންދާނީ ޔޫރޯއެއްގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ރޮނާލްޑޯ މިހާރު ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދިޔުމާ ގުޅިގެން، އޭނާ ސްކޮޑަށް ނެގި ސަބަބާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ސުވާލުކޮށްފައިވެއެވެ. އެ ސުވާލުގައި ޖަވާބުގައި މާޓިނޭޒް ބުނީ "އެއްވެސް ކުޅުންތެރިއެއްގެ ނަމުން، ނަން މަޝްހޫރުކަމުން ސްކޮޑުގައި ނުހިމެނޭނެ،" ކަމަށެވެ.

ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޔުވެންޓަސްއަށްވެސް ކުޅުނު ރޮނާލްޑޯ ސައުދީ ލީގުގައި ކުޅެމުންވެސް ޕޯޗުގަލްއަށް ކޮލިފައިން މެޗުތަކުގައި 10 ގޯލު ޖަހައިދީފައިވެއެވެ. ޕޯޗުގަލް މިފަހަރުގެ ޔޫރޯއަށް ނުކުންނަނީ ކޮލިފައިން ހުރިހާ މެޗަކުން މޮޅުވެފައި އޮވެގެންނެވެ.

"ރޮނާލްޑޯއަށް އަދިވެސް ފައިނަލް މޫވް ވަރަށް ރަނގަޅަށް ނެގޭ. ރޮނާލްޑޯގެ ސަބަބުން ޑިފެންސް ހޭވިގެންދޭ. މިދިޔަ އަހަރުތަކުގައި ރޮނާލްޑޯ ވަނީ އަމިއްލައަށް ކުޅުން ބަދަލުކޮށްގެން، ޓީމަށް ހޭނިފައި. ރޮނާލްޑޯ ގައުމީ ޓީމަށް ނަގާފައި ހުރީ ސީދާ އޭނާގެ ކުޅުމުން. އެކަން ހެކިދޭނެ ނަމްބަރުތަކުން،" މާޓިނޭޒް ބުންޏެވެ.

ޕޯޗުގަލްގެ މެންޗެސްޓާ ސިޓީ ޑިފެންޑަރު ރުބެން ޑިއާޒްވެސް އިއްޔެގެ ޕްރި މެޗު ޕްރެސްގައި ބުނީ ރޮނާލްޑޯއަކީ ހުރިހާ ކުޅުންތެރިންގެ ކެޕްޓަން ކަމަށާއި، އޭނާ ސްކޮޑުގައި ހުރުމަކީ މުޅި ޓީމުގެ ރޫހު ރަނގަޅު ކޮށްދޭކަމެއް ކަމަށެވެ. އަދި މިހާރު ހުރިގޮތުގައި ރޮނާލްޑޯ އަބަދުވެސް ސްކޮޑާއެކު ހުންނާނެ ކަމަށް ޑިއާޒް ބުންޏެވެ.