ޔޫއެފާ ޔޫރޯގެ އެންމެފަހުގެ ރަނަރަޕް އިންގްލެންޑުން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ސާބިއާ ބަލިކޮށްފައެވެ. ޝާލްކޭގެ ދަނޑުގައި ކުޅުނު މެޗުގައި ރޭ އިންގްލެންޑުން ސާބިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ފެވަރިޓުންނަކީ އިންގްލެންޑެވެ. އެޓީމަކީ މުބާރާތް ކާމިޔާބުކުރުމަށްވެސް ގިނަ ބައެއްގެ ފެވަރިޓެކެވެ. އެއީ ސްކޮޑުގެ ވަރުގަދަކަމާއި ވޭތުވެދިޔަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގެ ނަތީޖާއަށްވެސް ބަލައިފައެވެ.

އެ ފެވަރިޓުންގެ ކޮލިޓީ މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ކޮޅަކަށް ފެނުނެވެ. ހާއްސަކޮށް ޖޫޑް ބެލިންހަމްގެ ފަރާތުން ފުރަތަމަ ހާފުގައި ތަފާތު ފެނުނެވެ. އެހެންނަމަވެސް، ދެވަނަ ހާފުގައި އިންގްލެންޑް އުޅެން ޖެހުނީ ހާސްކަމުގައެވެ. ސާބިއާއިން ނުރައްކާކޮށް، އިންގްލެންޑް ފަހަތަށް ޖައްސާލިއެވެ. ޑޫސަން ވްލަހޮވިޗްގެ ހަމަލާ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑު މަތަކޮށް ބޭރުކޮށްލި އިރު، ކޯނަރުގައި ލިބުނު ފުރުސަތުގައި އޭރިއާ ބޭރުން ވެއިކޯ ބިރްމަންސެވިޗް ފޮނުވާލި ހަމަލާވެސް ނުވަދެ ދިޔައީ ކިރިޔާއެވެ.

ރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު، ގެރެތު ސައުތުގޭޓް ބުނީ، ސާބިއާއިން ނުރައްކާކުރި ކުރުމުން ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށާއި، އެއީ ކުރިއަށް ދާން ވިސްނާއިރު ރަނގަޅެއް ކަމަށެވެ.

"މުބާރާތް ފެށިއިރުވެސް އެނގޭ ކޮންމެވެސް ހާލަތްތަކެއްގައި ޖެހޭނެކަން އުނދަގޫ ހާލަތްތަކަކާވެސް ކުރިމަތިލާން. އެއީ މުބާރާތްތަކުގައި އަންނާނެ ހާލަތެއް. އަހަރެމެންނަށް މުހިއްމު ތިން ޕޮއިންޓް ރޭގައި ހޯދުނީ. އެއީ މުބާރާތް ވަރުގަދަކޮށް ފެށުމަކީ މޮޅަކާއެކު ފެށުން. އެހެންވިޔަސް ގަބޫލުކުރަން އެއީ އުނދަގޫ މޮޅެއް. އެހެންވިޔަސް އުނދަގޫ ހާލަތަށް މެޗުގައި ދިޔުމުން އެއީ މުހިއްމު ކަމެއް ޑިފެންސް ކުރާނެ ގޮތެއް ހޯދުމަކީ. އެ ހާލަތަށް ދިޔައިމަ އެނގޭނެ ޑިފެންސް ކުރެވޭނެ ކަން. އެއީ ފިލާވަޅެއް. އެއީ ރަނގަޅެއް،" ސައުތުގޭޓް ރޭގެ މެޗަށްފަހު ބުންޏެވެ.

އިންގްލެންޑުން ދެން މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ނުކުންނަން ޖެހޭނީ ޑެންމާކާ ދެކޮޅަށެވެ.