ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދަރުބާރުގެ ކައިރީގައި މާރާމާރީ ހިންގާފައިވަނީ ރޭ 10:30 އެހާކަންހާއިރެވެ. އެ މާރާމާރީގައި އަނިޔާވި މީހަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިން އިރު، އެ މައްސަލައާ ގުޅިގެން ހަތަރު ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ރޭގެ މާރާމާރީއަށްފަހު މިއަދު މާލެއާއި ހުޅުމާލޭގައި އިތުރު މާރާމާރީއެއް ވަނީ ހިންގައިފައެވެ. އެ ދެ މާރާމާރީގައި ތިން މީހަކަށް ހަމަލާދީފައިވެއެވެ. އަދި ފުލުހަކަށްވެސް އަނިޔާވިއެވެ.

ރޭ ހިންގި މާރާމާރީ އާއި މިއަދު ހިންގި ދެ މާރާމާރީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.