ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓު، (ވީއައިއޭ) އިން 4.5 ކިލޯގެ މަސްތުވާތަކެތި ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.
މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ވީއައިއޭ އިން އުސޫލުން ބޭރުން ބޭރު ކުރަން އުޅުނު ލަގެޖުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި މެތު ހުރި މައްސަލައެއްގައި ޕާކިސްތާން މީހަކާއި އެމްއޭސީއެލްގެ ދެ މުވައްޒަފަކާއި އެ ދެ ލަގެޖާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކުރިއެވެ.
އެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން، އެ މައްސަލައިގައި ހިމެނޭ އެންމެ އިސް މީހާ ކަމަށް ބެލެވޭ އެމްއޭސީއެލް ސީނިއާ މުވައްޒަފު ވަނީ ދޫކޮށްލައިފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލީ ހދ. ކުޅުދުއްފުށި/ ފެހިއަލީ، އަލީ ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެދުނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަލީ ހުސެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް އެ ކޯޓުން ނިންމާފައި ވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލުމަށެވެ.
ކޯޓުން ބުނީ، އަލީ ހުސެއިންއަށް ތުހުމަތުވާ މައްސަލައިގައި ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ހެކިތަކުގެ މައްޗަށް ބަލާއިރު ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ހުސެއިން އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ކަންކަން މާނަ ކުރެވެނީ އަލީ ހުސެއިން އާ އެއްކޮޅަށް ކަމަށެވެ.
ދައުލަތުން ބުނީ، އަލީ ހުސެއިން ކުށުގައި ބައިވެރިވެފައި ވަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްގައި ލަގެޖުގައި ލާފައި އިން ކާޓެއް ޓްރެކްޓާ މެދުވެރިކޮށް އެއާޕޯޓް ލަގެޖް ޓްރާންސްފާ ކުރުމުގެ އުސޫލާ ހިލާފަށް ޑޮމެސްޓިކް ޓާމިނަލް އަށް ގެންގޮސްފައިވާތީ އާއި އޭނާ އެކަން ކޮށްފައި ވަނީ ސުޕަވައިޒަރުގެ ހުއްދަ ނެތި ކަމަށާއި އެކަމުގެ އިންސްޓްރަކްޝަން ހާދިސާ ހިނގުމުގެ ކުރިން އަލީ ހުސެއިނަށް ލިބިފައިވާ ކަމަށް އޭނާގެ ބަޔާނަށް ބެލުމުން އެނގޭ ކަމަށް ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އަލީ ހުސެއިންގެ އެ އަމަލާ ގުޅިގެން އޭނާ މުޖުތަމައު އަށް ނުރައްކަލަކަށް ވާ ގޮތެއް ދައުލަތުގެ ފަރާތުން ބުނެދީފައި ނުވާ ކަމަށެވެ.
އަލީ ހުސެއިން ދޫކޮށްލާފައި ވަނީ މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދުމާއި އިތުރު ކުށަކަށް އަރައިނުގަތުމާއި ކޯޓުން އަންގާ ގަޑިއަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް އަދި އެއްވެސް މުއާސަލާތެއް ނުކުރުމަށް ޝަރުތުކުރުމަށްފަހުއެވެ.
ޚަބަރު
ޚަބަރު