ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިންތިހާބުކޮށްފިއެވެ.

ޖޭއެސްސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން އިއުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރުގެ ގޮތުގައި ރިޒާ އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އޭނާ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ އެޑްމިިނިސްޓްރޭޓަރުގެ މަގާމު އަދާކުރައްވައިފައެވެ.

ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަންތައް ކުރާ މުއައްސަސާއެވެ.

  • ހުސައިން ރިޒާ އާދަމް: ކޮމިޝަންގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
  • ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ނިޔާޒު: ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު
  • ފަނޑިޔާރު ހުސްނުއްސުއޫދު: އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު
  • އަލީ ޝަރީފް: ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު
  • މުހައްމަދު ނާސިހު: ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • އަހުމަދު އުޝާމް: ބަންޑާރަ ނައިބު
  • މެންބަރު މުހައްމަދު ސަމީރު: ރައީސްގެ މެންބަރު
  • އަލީ އަބްދުއްލަތީފް: ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު
  • ޑރ. އާމިނަތު އުއްމުކުލްސުމް: އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު