ސްލޮވޭނިއާގެ ފޯވަޑް، ބެންޖަމިން ސެސްކޯ ޖަރުމަނުގެ އާރްބީ ލެއިޕްޒިގުގައި މަޑުކުރަން ނިންމައި، މިއަދު އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ސެސްކޯ ހޯދަން ޕްރިމިއާ ލީގު ޓީމުތަކުން ވަނީ ބުރަކޮށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އާސެނަލް އާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްވެސް ހިމެނެއެވެ. އެ ހުރިހާ ޓީމުތަކުންވެސް ސެސްކޯ ގެންދަން މި ހޫނު މޫސުމުގެ ޓްރާންސްފާއަށް ވަނީ މަޝްވަރާތަކަށް ތައްޔާރުވެފައެވެ.

ސެސްކޯ ސާލްސްބާގުން ލެއިޕްޒިގަށް ސޮއިކުރީ 2023 ވަނަ އަހަރެވެ. އެއީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައި 55 މިލިއަން ޕައުންޑްގެ ރިލީސް ކްލޯސްއެއް ހިމަނާފައިވުމުން، މި ސީޒަނަށްފަހު ކްލަބުތަކުން ވަނީ އެ ރިލީސް ފީ ދައްކައި ސެސްކޯ ގެންދަން މަސައްކަތް ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ސެސްކޯ ވަނީ 31 މެޗުން 14 ގޯލު ލެއިޕްޒިގަށް ޖަހައި ދީފައެވެ. އޭނާ އާކުރި އެއްބަސްވުމާއެކު ލެއިޕްޒިގާއެކު ވެފައިވާ އެއްބަސްވުން މިހާރު 2029 ވަނަ އަހަރަށް ދެމިގެންދާނެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ސެސްކޯ އެއްބަސްވުން އާކުރީ ރިލީސް ފީ ބޮޑުކޮށް، ފަހުން އަގު ބޮޑު ޓްރާންސްފާއެއްގައި ކްލަބު ދޫކޮށްލެވޭނެ ފުރުސަތު ހޯދުމަށެވެ. އެހެންކަމުން އަންނަ ސީޒަނުގައިވެސް ސެސްކޯ ހޯދަން ކްލަބުތަކުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.