ޕެރިހުގައި އޮންނަ މިއަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް, އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރު އަލީ ރަޝީދު (އައްޔަ) ހަމަޖައްސައިފިއެވެ.
މިއަހަރު ރާއްޖެއިން އޮލިމްޕިކްސްއަށް އާ ދާ ކޮންޓިޖެންޓްގެ ކަންކަން ހަމަޖައްސަން ޗެފް ޑި މިޝަނަކަރަކަށް އައްޔަ ހަމަޖައްސާފައިވާ އިރު، ރާއްޖެއިން ދާ ކޮންޓިޖެންޓްގެ ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން ކަންކަން ހަމަޖައްސަން ޖެހޭނީ އައްޔަގެ ބެއްލެވުމުގެ ދަށުންނެވެ. އައްޔަ ޓީޓީ ރައީސްކަމުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންދާ އިރު، އޭނާ ތިންވަނަ ދައުރަކަށްވެސް ކުރިމަތިލައްވަން ވަނީ ނިންމަވައިފައެވެ.
މިފަހަރުގެ އޮލިމްޕިކްސް ކޮންޓިޖެންޓަކީ މިހާތަނަށް ރާއްޖެއިން އޮލިމްޕިކްސްއަށް ދާ އެންމެ ބޮޑު ކޮންޓިޖެންޓެނެވެ. ރާއްޖެއިން މިފަހަރު ހަތަރު ކުޅިވަރެއްގައި ވާދަކުރާ އިރު، އޭގެ ތެރެއިން ޓޭބަލް ޓެނިހުން ފުރުސަތު ހޯދީ ކޮލިފައިވެގެންނެވެ. އޮލިމްޕިކްސްއަށް ކޮލިފިކޭޝަނެއް ކާމިޔާބުކޮށް، ފުރަތަމަ ކޮލިފައިވި ދިވެހި އެތުލީޓްގެ ޝަރަފު ހޯދީ އުމުރުން އެންމެ 16 އަހަރުގެ ފާތިމަތު ދީމާ އަލީއެވެ.
އޮލިމްޕިކްސްގައި މިފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ނަބާހާއަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އާދަމެވެ. ދެން އޮލިމްޕިކްސްއަށް ދާނެ ކުޅިވަރަކީ ސްވިމިންނެވެ. ސްވިމިންއިން ދާނެ އެތުލީޓުން އަދި ކަނޑައަޅައިފައެއް ނުވެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ