ޗައިނާގެ ސަރުކާރަށް ސިޔާސީ ގޮތުން ލަފާ އަރުވާ، ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސިއުލޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ ވައިސް ޗެއާމަން ބަޓީ، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ބަޓީ، ރާއްޖެ ވަޑައިގަތުމުން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

މަޖިލީހުން މިއަދު ބުނީ ބަޓީ ރާއްޖެއަށް ވަޑައިގެންނެވީ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ކަމަށެވެ.

މާދަމާ ހެނދުނު ބަޓީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ނާޒިމާ ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

އަދި ބުރާސްފަތި ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ބަޓީ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

އެއަށްފަހު ސަރުކާރުގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި ބަޓީ، ރާއްޖެއިން ފުރާވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް މަޖިލީހުން ބުންޏެވެ.