ތަފާތު ގިނަ ހަރަކާތްތަކާއެކު މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ "މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށްގެންދާ އިވެންޓެއް ކަމަށެވެ.
މި އިވެންޓުގެ ޓައިޓަލް ސްޕޮންސަަކީ ދިރާގެވެ. ގޯލްޑް ސްޕޮންސަރަކީ ޝީޝާ މޯލްޑިވްސްއެވެ.
އެޗްޑީސީން ބުނީ އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިއުމުގެ ފޯރިގަދަ ހަރަކާތުން ކަމަށެވެ.
ހުޅުމާލޭގައި މިއަހަރު އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގައެވެ. އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، މިމަހުގެ 16 އަދި 17 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެނޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށެވެ. އަދި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާ އެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އީދުގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު