މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ކުރި ދައުވާގައި ނަގައިދިނުމަށް އެދިފައިވާ 2.5 މިލިޔަން ޑޮލަރަކީ މީލިއަމުން ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ހައިކޯޓުން ވެސް ހުކުމް ކޮށްފިއެވެ.

މިއީ އެމްއެމްޕީއާރުސީ އާއެކު ހަދާފައިވާ ދެ އެއްބަސްވުމެއްގެ ދަށުން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދޫކޮށްފައިވާ ޑޮލަރު ލިބިފައިނުވާ ކަމަށް ބުނެ، އެ ފައިސާ ހޯދުމަށް މިލީނިއަމްގެ މައްޗަށް އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގައި އެމްއެމްޕިއާރުސީން ބުނެފައި ވަނީ، ދެ އެއްބަސްވުމެއްގެ ދަށުން މިލީނިއަމަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވަނިން ހެދި ޕޭމަންޓް ވައުޗާއަކުން އަނބުރާ ދައްކާގޮތަށް އިތުރު 1.5 މިލިއަން ޑޮލަރާއެކު ޖުމްލަ 6.5 މިލިއަން ޑޮލަރު އެ ކުންފުންނަށް ދޫކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ ފައިސާގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިނުވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އެހެންކަމުން މި ދައުވާ ކޮށްފައި ވަނީ މިލީނިއަމުން ދައްކާފައިނުވާ ކަމަށް ބުނާ 2.5 މިލިއަން ޑޮލަރު މިލީނިއަމްގެ ފަރާތުން އެކީ އެއްފަހަރާ ހޯދައިދިނުމަށް އެދިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ބުނެފައި ވަނީ، މިލީނިއަމް އަށް ފަސް މިލިއަން ޑޮލަރު ދޫކުރިކަމަށް ބުނެ އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ ދެ އެއްބަސްވުމަކީ މިލީނިއަމްގެ ފަރާތުން ސޮއިކޮށްފައިވާ ދެ ލިއުން ނޫން ކަމަށް ބުނެ އެ ދެ ލިޔުމަށް އެފަރާތުން އިންކާރު ކޮށްފައިވާ އިރު، އެ ދެ ލިޔުމުގައި ސޮއިކުރި ފަރާތުގެ އިނގިލީގެ ނިޝާން ނުވަތަ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެ ލިޔުންތަކުގައި ސޮއިކޮށްފައިވާކަން ރަމްޒުކޮށްދޭ އެ ކުންފުނީގެ ސިއްކަވެސް ޖަހާފައި ނެތް ކަމަށެވެ.

އެހެންކަމުން އެ ދެ ލިޔުމަކީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން ސޮއިކޮށްފައިވާ ސައްހަ ލިޔުންތަކެއްކަން ނުވަތަ އެ ދެ ލިޔުމުގައި ބަޔާންވެގެންވާ ފައިސާ އެ ކުންފުންޏާ ހަވާލުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް ދެއްކިފައިނުވާ ކަމަށްވެސް ސިވިލް ކޯޓުން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީއިން އަނބުރާ ދައްކާ ގޮތަށް މިލީނިއަމް ކެޕިޓަލަށް ވަކިން 1.5 މިލިޔަން ޑޮލަރު ދީފައިވާ ކަމަށް ބުނެ އެކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ޕޭމަންޓް ވައުޗާގައި މިލީނިއަމްގެ ފަރާތުން ފައިސާ ލިބުނު ކަމަށް ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވާކަން އެނގެން އޮންނަ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ފައިސާ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓާ ހަވާލުކޮށްފައިވާކަން އެ ވައުޗަރުން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ ފައިސާ ހަވާލުކޮށްފައިވާކަން އެނގެން އޮންނަނީ 15 އޮކްޓޫބަރު 2014 ގައި ކަމަށާއި އެ ތާރީހުގެ ފަހުން 25 ނޮވެމްބަރު 2014 ވަނަ ދުވަހު މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެމްއެމްޕީއާރުސީއަށް ދެ މިލިޔަން ޑޮލަރު ދައްކާފައިވާކަން އެމްއެމްޕީއާރުސީއިން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދީފައިވާ ފައިސާއަށްވުރެ އެ ފަރާތުން އެމްއެމްޕީއާރުސީއަށް އަނބުރާ ދައްކާފައިވާ ފައިސާގެ މިންވަރު އިތުރުވެފައިވާކަން އެނގޭތީ، ދައުވާގައި އެމްއެމްޕީއާރުސީން ހޯދުމަށް އެދިފައިވާ ފައިސާއަކީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްއިން އެމްއެމްޕީއާރުސީއަށް ދައްކަންޖެހި ނުދައްކާ ވާ ފައިސާއެއްކަން ސާބިތުނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ސިވިލްކޯޓުން ހުކުމް ކޮށްފައިވަނީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓުން އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސިވިލްކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެމްއެމްޕީއާރުސީގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ 22 ސެޕްޓެމްބަރު 2019 ގައެވެ.

އެފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ.

މިމައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ މި މައްސަލައިގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު އެމްއެމްޕީއާރުސީން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބިނާކޮށް އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް އެ ހުކުމްގައިވެއެވެ.