ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމުން ދިން ދައުވަތަކަށް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ދަތުރުފުޅު ނިއްމަވައިލައްވައި ރައީސް ޑރ. މުއިއްޒު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވައިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވި ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.