އިންގްލެންޑުން އެންމެފަހުން އައިސްލޭންޑް ކައިރިން ބަލިވި މެޗުގެ ހަބަރު ގެނެސްދިނުމަށް ބައެއް މީޑިއާތަކުން ބުކަޔޯ ސަކާގެ ފޮޓޯ ބޭނުން ކުރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިންގްލެންޑުން ޔޫރޯ ކުރިން ކުޅުނު އެންމެފަހު އެކުވެރިކަމުގެ މެޗުގައި އައިސްލޭންޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު "ފެވަރިޓް" އިންގްލެންޑަށް ޕްރެޝަރު ބޮޑުވެފައިވާ އިރު، އެކަމުގައި ސަޕޯޓަރުންގެ އުންމީދުތައްވެސް ވަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ.

އާސެނަލްގެ ތަރި ސަކާ، އެ މެޗުގައި ކުޅެން ނުކުތީވެސް 65 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މެޗުން ބަލިވި ހަބަރާ އެކު އިނގިރޭސި މަގުބޫލު ނޫސްތަކުގައި ބޭނުންކުރީ ސަކާގެ ފޮޓީއެވެ. އެ ނޫސްތަކުގެ ތެރޭގައި ދަ ސްޓާ އާއި ދަ ސަން ހިމެނެއެވެ. އަދި ބީބީސީގެ ލައިވް ބްލޮގްގައިވެސް ސަކާ މެޗަށް ނުކުތުމުން އޭނާގެ ފޮޓޯ ބޭނުން ކުރިއެވެ.

ސަކާގެ ފޮޓޯގަނޑު އެ މެޗުގެ ހަބަރުގައި ބޭނުން ކުރި ކުރުމަށް ފާޑުކިޔަމުން އިންގްލެންޑްގެ ކުރީގެ ފޯވަޑް، އިއާން ރައިޓް ސޯޝަލް މީޑިއާގައި ބުނީ، "އިންގްލެންޑަށް ފާޑުކިޔަން ވަކި ކުޅުންތެރިއެއްގެ ފޮޓޯ ބޭނުންކުރަނީ ބަޔަކު އެނގިގެން ތިބެ،" ކަމަށެވެ.

ސަކާގެ ފޮޓޯގަނޑު މައްސަލައިގައި ނަސްލީ ދިމާކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރާ ކިކް އިޓް އައުޓްގެ ޗީފް ޓޯނީ ބާނެޓް ބުނެފައި ވަނީ މީޑިއާތަކުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ. މީޑިއާއަކީ ތަފާތުކުރުންތަކާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ފަރާތްކަމަށްވެސް ބާނެޓް ބުނެފައިވާ އިރު، އޭނާ ބުނީ އެކަން ކުރި ފަރާތްތަކަށް މީޑިއާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އިންސާފަކީ އެއީ ކަމަށްވެސް އޭނާ ބުންޏެވެ.

އިންގްލެންޑުން ޔޫރޯ 2020 ގެ ފައިނަލުގައި ބަލިވީ އިޓަލީ އަތުންނެވެ. އެ ފައިނަލަށްފަހުވެސް ސަކާ އާއި މާކަސް ރަޝްފޯޑަށް ނަސްލީ ދިމާކުރުންތަކާ ކުރިމަތިވެފައިވެއެވެ.