ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލޭގެ މަގެއް މަތިން 1.3 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ފޭރުނު މައްސަލައެއް ސާބިތުވެ، މާލެ، ގ. ހިޔަރޯދި މުހައްމަދު ޝަމްއާން ސަލީމު ފަަސް އަހަރަށް ޖަލަށްލުމަށް ކުރިމިނިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މުހައްމަދު ޝަމްއާން ސަލީމުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބަޔާންކޮށްފައިވަނީ 2021 އޮގަސްޓު 03 ގައި ހެންވޭރު ދަނޑު ކައިރިން ތޫނު އެއްޗެއް ބޭނުންކޮށްގެން ފައިސާ އަޅާފަައި ހުރި ދަބަހެއް މުހައްމަދު ޝަމްއާން ސަލީމު ފޭރިގަނެފައިވާ ކަމަށެވެ. ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ސަލީމް ބިރު ދައްކައިފައިވަނީ މާލޭގައި މަނީ އެކްސްޗޭންޖެއް ހިންގާ ކުންފުންޏެއްގެ މުވައްޒަފަކަށެވެ. މުހައްމަދު ޝަމްއާން ސަލީމު އެ މީހާއަށް ބިރު ދެއްކުމަށްފަހު ފޭރިގަތް ދަބަހުގައި ނުވަ ލައްކަ ރުފިޔާއާއި، 27،000 ޑޮލަރު ހުރި ކަމަށް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.
އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ކުރި އެ ދައުވާއަށް މުހައްމަދު ޝަމްއާން ސަލީމު އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅައިފައެވެ. އެ ހެކިތަކުގެ ތެރޭގައި ސިއްރު ހެއްކާއި، ހެކިންނާއި ކީތާބީ ހެކި ވަނީ ހުށަހަޅައިފައެވެ. މުހައްމަދު ޝަމްއާން ސަލީމުއާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ހެކިވެރިން ދިން ހެކިބަހުގައި ވަނީ މުހައްމަދު ޝަމްއާން ސަލީމާއި އިތުރު މީހަކު ސައިކަލުގައި ގޮސް އެ މުވައްޒަފަށް ތޫނު ހަތިޔާރަކުން ބިރު ދައްކައި ފޭރިގަނެފައިވާ ކަމަށެވެ.
އެ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ މުހައްމަދު ޝަމްއާން ސަލީމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެހެންވެ ކުރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވިދާޅުވީ މުހައްމަދު ޝަމްއާން ސަލީމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަދަބަަކީ 8 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، އެ މައްސަލައިގައި ދެ އަހަރާއި ދިހަ ދުވަސް ބަންދުގައި ޝަމްއާނު ހޭދަކޮށްފައިވާތީ، ހުކުމުން އެ މުއްދަތު އުނިކުރުމުން ދެން އޭނާ ޖަލަަށްލާންޖެހޭނީ ފަސް އަހަރާއި 21 ދުވަހަކަށް ކަމަށްވުމުން އެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު