ޕެޑްރީ މިހާރު އެދަނީ ސްޕެއިން ސަޕޯޓަރުން ބޭނުންވާ ފެންވަރުގައި ކުޅެމުން ކަމަށާއި، ކުރިއަށް އޮތް ޔޫރޯ 2024 ގައި ތަފާތު ދައްކާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ބާސެލޯނާގެ ތަރި ޕެޑްރީ، ސްޕެއިނުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ނޮދާން އަޔަލޭންޑް ކޮޅަށް ދެ ގޯލު ޖެހިއެވެ. އެ މެޗުން ސްޕެއިން 5-1 އިން މޮޅުވެފައިވާ އިރު، ސްޕެއިންގެ ފަރާތުން ރޭގެ މެޗުގައި އަވަސް، ރީތި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ޕެޑްރީއަށް މިދިޔަ ސީޒަނަކީ އަނިޔާއާ ހުރެ އުނދަގޫ ސީޒަނެކެވެ. އޭނާއަށް ސީޒަން ތެރޭގައި ބާސާއަށް ކުޅެވުނީ 16 މެޗެއްގައެވެ. އެހެން ނަމަވެސް ޔޫރޯއަށް އަނެއްކާވެސް އެހުރީ ފޯމަށް އެޅިފައެވެ.
"ޕެޑްރީއަކީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއް. ޕެޑްރީއާއި އަހަރެންވެސް މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. މިހާރު އެ ހުރި ފޯމަކީ އަސްލު ޕެޑްރީގެ ފެންވަރު ދައްކާލެވޭނެ ފޯމެއް. ޕެޑްރީއަށް ވީތީ އެ ކުރެވޭ އުންމީދުތަކަށް އޭނާ އެދަނީ ޖަވާބު ދެމުން. ވަރަށް ޔަގީންކަމާއެކު ކުޅެމުން އެދަނީ. އެ ދައްކާ ކުޅުމުގައި ޔޫރޯގައިވެސް އޭނާގެ ތަފާތު ފެންނާނެ،" ކުރިން ސްޕެއިންގެ ޒުވާން ގިނަ ޓީމުތަކަކަށް ކޯޗުކަން ކޮށްދިން ލަ ފުއެންޓޭ ބުންޏެވެ.
ލަ ފުއެންޓޭ ބުނީ ޕެޑްރީގެ އެންމެ "މޮޅު ވާޝަން"އަކީ ކޮބައިކަމެއް ބުނަން މިހާރު އުނދަގޫ ކަމަށާއި، މިހާރު އެ ހުރި ފޯމުގައި ދައްކަމުން ދަނީ އޭނާ ކުރިން ދެއްކި ކުޅުމަށްވުރެވެސް މޮޅު ކުޅުމެއް ކަމަށެވެ.
ސްޕެއިނުން އެކުވެރިކަމުގެ މެޗުތައް ނިންމައި، ދެން ނުކުންނާނީ ޔޫރޯއަށެވެ. ޔޫރޯގައި ސްޕެއިނާ އެއް ގްރޫޕެއްގައި ހިމެނެނީ އަލްބޭނިއާއާއި ކްރޮއޭޝިއާ އަދި އެންމެފަހުގެ ޗެމްޕިއަން އިޓަލީއެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން