އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. ބޮޑުވަޒީރުކަމުގެ ހުވައި މޯދީއަށް ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ހާސް އިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މެމްބަރުންގެ ގޮތުގައި ހިމެނިފައިވާ މެމްބަރުން ވެސް ހުވާކުރެއްވިއެވެ.

މޯދީގެ ޕާޓީ ބާރަތިޔާ ޖަނާތާ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން، ނެޝަނަލް ޑިމޮކްރަޓިކް އެލައިންސްއަށް އިންތިހާބުގައި 293 ގޮނޑި ލިބުނެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީން 234 ގޮނޑި ކާމިޔާބުކުރިއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިންވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރަކީ މޯދީއެވެ.