މިއަދު ފެށި އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ޖުމުލަ އަށް ޓީމާއެކު މިއަދު ފެށި ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޓީސީން އޮޑި ސްޕޯޓްސް ކްލަބު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު މެޗުގެ 26 ވަނަ މިނެޓުގައި ޓީސީއަށް ޖަހައިދިނީ އަބްދުﷲ ފައިޒާން އަބްދުލްގަފޫރެވެ. މިއަދު ހެނދުނު އަށެއް ޖެހިއިރު މެޗު ފަށާފައިވާ އިރު، ހޫނު ގަދަވެ، ރެފްރީ ވަނީ 25 ވަނަ މިނެޓުގައި ދެޓީމަށްވެސް ވޯޓާ ބްރޭކެއް ދީފައެވެ.

އެ ހޫނުގައި ކުޅެން މީގެ ކުރިންވެސް ޔޫތު ޗެމްޕިއަންޝިޕްގައި ހިމެނޭ ޓީމުތަކުގެ ކޯޗުންވެސް ޝަކުވާ ކުރި ނަމަވެސް، ހެނދުނަށް މެޗުތައް ހިމަނައިގެން ޝެޑިއުލް ނެރުނީ ދަނޑުގެ ލައިޓް ސިސްޓަމުގެ މަސައްކަތް އަދި ނުނިމޭތީއެވެ. އެ މަސައްކަތް ސިފައިންގެ ކުންފުންޏާ ހަވާލުކޮށްގެން ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންދާ އިރު، އެ މަސައްކަތް އަދި އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

އެ ހޫނުގައި މިއަދު ހެނދުނު މުބާރާތް ފެށި ނަމަވެސް، މިހާރު މިނިސްޓްރީން ވަނީ ރޭގަނޑު ކުޅުމަށް ހުއްދަ ދީފައެވެ. އެހެންކަމުން މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ބުރު ސްޕޯޓްސް ކްލަބް ކުޅެން އޮތް މެޗުވެސް ވަނީ މިރޭ 9:00 އަށް ބަދަލުކޮށްފައެވެ.

އެފްއޭއެމް އިން އަލުން ނެރުނު ޝެޑިއުލްގައިވާ ގޮތުން، ހެނދުނު އަށެއް ޖަހާއިރު ފަށަން އޮތް މެޗުތައް ދެން ކުޅޭނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ. އަދި ހަވީރު ހަތަރެއް ޖަހާއިރު ކުޅެން އޮތް މެޗުތައް ކުޅޭނީ ރޭގަނޑު ނުވައެއް ޖަހާއިރުއެވެ.