އަންނަ ހުކުރު ދުވަހުގެ ރޭ ދަންވަރު ޖަރުމަނުގައި ފަށާ ޔޫރޯ 2024 އަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކުން ރޭ ކްރޮއޭޝި އާއި ސްޕެއިން އަދި ބެލްޖިއަމްވެސް މޮޅުވެއްޖެއެވެ.

ސްޕެއިނުން ރޭ އަމިއްލަ ގައުމުގެ ސޮން މޮއީ ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ނޮތާން އަޔަލޭންޑް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ގޯލު ޖެހީ ނޮދާން އަޔަލޭންޑުން ނަމަވެސް، ސްޕެއިން ފަހުން ފެނުނީ މާ ތަފާތު ބޮޑުކޮށެވެ.

ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ނޮދާން އަޔަލޭންޑްގެ ޑެނިއަލް ބަލާޑް ގޯލު ޖަހައި އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، ފުރަތަމަ ހާފުގެ ބާކީ ބައިގައި ސްޕެއިން އަތުވެސް ނުޖެހެއެވެ. އެޓީމުން ގޯލަކަށްފަހު ގޯލެއް ޖެހިއެވެ. އުމުރުން 16 އަހަރުގެ ބާސެލޯނާ ފޯވަޑް ލަމީން ޔަމާލް ތަފާތު ދެއްކި މެޗުގައި ސްޕެއިނަށް އެއްވަރު ކޮށްދިނީ ޕެޑްރީ ގޮންޒާލޭސްއެވެ.

އޭގެ އިތުރުންވެސް ޕެޑްރީގެ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ސްޕެއިންގެ އަނެއް ގޯލުތައް ޖެހީ އަލްވާރޯ މޮރާޓާ އާއި ފަބިއާން ރުއީޒް އަދި މިކޭލް އޮޔަރުޒަބާލެވެ. ލުއިސް ޑެ ލަ ފުއެންޓޭގެ ކޯޗުކަމުގައި ކުޅޭ ސްޕެއިނުން މިހާރު ސްކޮޑުވެސް ފައިނަލް ކޮށްފައިވާ އިރު، ދެން އެޓީމުން ފޯކަސް ކުރާނީ ޔޫރޯގެ ފުރަތަމަ މެޗެވެ.

އެއީ ކްރޮއޭޝިއާއާ ދެކޮޅަށް ޖޫން 15 ގައި ކުޅޭ މެޗެވެ.

ކްރޮއޭޝި އާއި ޕޯޗުގަލްއިންވެސް ރޭ އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ އިރު، ޕޯޗުގަލްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ.

ލޫކާ މޮޑްރިޗް ޖެހި ޕެނަލްޓީއަކުން ކްރޮއޭޝިއާ ފުރަތަމަ ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ޑިއޭގޯ ޖޮޓާ ވަނީ ޕޯޗުގަލްއަށް އެއްވަރު ކޮށްދީފައެވެ. އެހެން ނަމަވެސް ރަނގަޅު ފޯމުގައި ހުރި ކްރޮއޭޝިއާގެ ފޯވަޑް އަންޓޭ ބުޑްމީރް ވަނީ މެޗުން ކްރޮއޭޝިއާ މޮޅުކޮށްދީފައެވެ.

ރޭ ބެލްޖިއަމް ކުޅުނު މެޗުގައި 3-0 އިން ލަކްސަންބާގު ބަލިކުރި އިރު، ރޮމެލޫ ލުކާކޫ ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ ލެއާންޑްރޯ ޓްރޮސާޑެވެ.