މިއަހަރު ބާއްވާ ސާފްގެ އަންހެން މުބާރާތުގެ ގުރުއަތުގައި ރާއްޖެ، މުބާރާތް ބާއްވާ ނޭޕާލާ އެއް ގްރޫޕަކަށް ދިޔަ އިރު، ސާފްގެ ފިރިހެން 17 އަހަރުން ދަށުގެ މުބާރާތާއި 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން އިންޑިއާއާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

ސާފްގެ އަންހެން މުބާރާތާއި ފިރިހެން 17 އަހަރުން ދަށުގެ މުބާރާތާއި 20 އަހަރުން ދަށުގެ މުބާރާތުގެ ގުރު މިއަދު ނަގާފައި ވަނީ އެއްކޮށެވެ. އަންހެން ސާފް ޗެމްޕިއަންޝިޕް މިއަހަރުގެ އޮކްޓޯބަރު މަހުގެ 17 އިން 30 އަށް ނޭޕާލްގެ ކަތަމަންޑޫގައި ބާއްވަން ނިންމާފައިވާ އިރު، ވާދަކުރަނީ ހަތް ޓީމަކުންނެވެ.

އެއީ އެންމެ ފަހުން 2022 ވަނަ އަހަރު ފައިނަލްގައި ކުޅުނު ނޭޕާލާއި ޗެމްޕިއަން ބަންގަލަދޭޝް އަދި ފަސް ފަހަރުގެ ޗެމްޕިއަން އިންޑިއާ އާއި ބޫޓާން، ސްރީ ލަންކާ އަދި ޕާކިސްތާނާއި ރާއްޖެއެވެ. މިހާތަނަށް ރާއްޖެއަށް މުބާރާތުގައި އެންމެ ކާމިޔާބު މުބާރާތަކީ 2016 ވަނަ އަހަރުގެ މުބާރާތެވެ. އެފަހަރު ރާއްޖެއިން ލަންކާ އާއި ބޫޓާން ބަލިކޮށް، ސެމީގައި ކުޅުނެވެ. ސެމީގައި ބަލިވީ ބަންގަލަދޭޝް އަތުންނެވެ.

މިފަހަރުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހޯސްޓް ނޭޕާލް ހިމެނޭ އިރު، ދެން ހިމެނެނީ ލަންކާ އާއި ބޫޓާނެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ.

ސާފް 17 އަހަރުން ދަށުގެ މުބާރާތް، ބޫޓާންގައި ސެޕްޓެމްބަރު މަހު ބާއްވަން ތާވަލުކޮށްފައިވާ އިރު، އެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ އިންޑިއާ އާއި ބަންގްލަދޭޝާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްވެސް މިއަހަރު އޮންނާނީ ނޭޕާލުގައެވެ. އެއީ އޮގަސްޓް 16 އިން 28 އަށެވެ. އެ މުބާރާތުގެ ގްރޫޕް އޭގައި ނޭޕާލާއި ބަންގްލަދޭޝް، ޕާކިސްތާން އަދި ސްރީ ލަންކާ ހިމެނޭ އިރު، ގްރޫޕް ބިގައި އިންޑިއާއާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބޫޓާނެވެ.