އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ފެނިދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

މެސީ، މިހާތަނަށް ގައުމީ ޓީމާއެކު ކޮޕާ އެމެރިކާ އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށް، މިހާރު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި އިރު، ކުރިއަށް އޮތް ކޮޕާ އެމެރިކާއިންވެސް އޭނާ ފެންނާނެއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި މެސީ ބުނެފައި ވަނީ އެއީ ހުވަފެނީ ތަށްޓެއް ކަމަށާއި ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި އާޖެންޓީނާއަށް އަދި ކުޅެން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެފަހުން އޭނާ ބުނެފައި ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މެސީ އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، ދާދިފަހުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ ގޮތުން އޭނާ ވަނީ ވާހަކަ ދައްކައިފައެވެ. މެސީ ބުނެފައި ވަނީ ގޮތެއް ނިންމަން އެނގޭނީ އެހިސާބަށްދާ އިރު، ހާލަތު ހުންނަ ގޮތަކުން ކަމަށެވެ.

"އަހަންނަށް ކުރެވޭ އިހުސާސަކުން އެ ނިންމުން ނިންމަން އެނގޭނީ. އަހަރެން ފިޒިކަލީ ހުންނަ ހިސާބެއް ވަރަށް މުހިއްމުވާނެ. އަހަރެން ޖެހޭނެ ހަގީގަތާވެސް ކުރިމަތިލާން. އަދި އެ ނިންމުން ނިންމަން ވަރަށް ވަގުތު އެބަ އޮތް. އެހެންވިޔަސް އެއީ މާ ބައިވަރު ވަގުތު ކަމަކަށްވެސް ބަލައިގެން ނުވާނެ. ވަގުތު ހިނގައިދާނެ ވަރަށް އަވަސްކޮށްވެސް،" މެސީ ބުންޏެވެ.

މެސީ ބުނީ މިހާރު އޭނާ ހުރި ފެންވަރުގައި ކުޅުން ދެމެހެއްޓިއްޖެ ނަމަ، ގައުމީ ޓީމާއެކު ކުރިއަށްދާން އަދިވެސް ތައްޔާރަށް ހުރި ކަމަށެވެ.

މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ހެކިވެއެވެ. އޭނާ ވަނީ ދާދިފަހުން ކެރިއަރުގެ އަށްވަނަ ބެލޮންޑިއޯ ކާމިޔާބު ކޮށްފައެވެ.