އެމްޕީއެލްގެ އެސިސްޓެންޓް އޮޕަރޭޝަން އޮފިސަރެއްގެ މަގާމުގައި ހުރި މަރިޔަމް ލީނާ ހ. ދަންވަރުގެ، އަށް އަނބުރާ ވަޒީފާ ދިނުމަށާއި ބަދަލު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން އެމްޕީއެލަށް އަމުރުކުރީ ރަނގަޅަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެމްޕީއެލްގެ އެސިސްޓެންޓް އޮޕަރޭޝަން އޮފިސަރެއްގެ މަގާމުގައި، މަރިޔަމް ލީނާ ހ. ދަންވަރުގެ ވަޒީފާއަދާ ކުރަމުން ދަނިކޮށް އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ލީނާ ވަނީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ލީނާ އޮފީހަށް ހާޒިރުވެ މަސައްކަތް ކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ހަވާލުކޮށް، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާއިން ވަކިކުރެވޭނެ އެއްވެސް ސަބަބެއް ނެތި، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާއަށް އަނބުރައި ރުޖޫއަކޮށްދިނުމަށް އަމުރުކޮށްދެއްވައި، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތަކާއި އަދި އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ، ވަޒީފާއާބެހޭ ގާނޫނާއި ކުންފުނީގެ ގާވާއިދާއި ވަޒީފާގެ އެއްބަސްވުމުން ކުންފުންޏަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށް އެމްޕީއެލްއިން ބުނި ނަމަވެސް އެފަދަ އެއްވެސް ސަބަބެއް އެމްޕީއެލްއަށް ދެއްކިފައި ނުވާ ކަމަށެވެ.

ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަމުގައި ގާއިމް ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމެއްނެތި، މުވައްޒަފަކު ވަޒީފާއިން ވަކުކުރުމުގައި ގާއިމު ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމަށްފަހުގައިކަން އެމްޕީއެލްއަށް ސާބިތުކޮށްދެވިފައިނުވާތީ، ލީނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ލީނާ އަދާކުރަމުންދިޔަ މަގާމަށް އޭނާ އަނބުރާ ރުޖޫއަ ކުރުމަށާއި އެއްވެސް ހާލެއްގައި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި ލީނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، އޭނާ ވަޒީފާއިން ވަކިކުރި އިރު އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާއިން، ވަޒީފާއިން ވަކިކުރި އިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދަކީ ލީނާއަށް އެމްޕީއެލްއިން ދޭންޖެހޭ ފައިސާއެއްކަމަށް ވެސް ކަނޑައެޅިއެވެ.

އެ މައްސަލަ ނިންމި ދުވަސް ކަމަށްވާ 2021 އޮގަސްޓް 29 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަންތައްތައް ތަންފީޒު ކުރުމަށްފަހު އެކަން ހަމަޖެހޭތާ ހަތް ދުވަހުގެ ތެރޭގައި ވަޒީއާބެހޭ ޓްރައިބިއުނަލަށް ލިއުމުން އެންގުމަށްވެސް އެމްޕީއެލްއަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.

އެމްޕީއެލްގެ ފަރާތުން މި މައްސަލަަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުން ކުރި ހުކުމްގައި ވަނީ ޓްރައިބިއުނަލުން މައްސަލަ ނިންމާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށްވާތީ އެއީ ސައްހަ ނިންމުމެއް ކަމަށް ހުކުމް ކުރާ ކަމަށެވެ.