ޔޫރޯ 2024 ގެ ފެވަރިޓެއް ކަމަށްވާ އިންގްލެންޑުން ޔޫރޯގެ ކުރިން ކުޅުނު އެންމެފަހު ވާމްއަޕް މެޗުން އެޓީމު އައިސްލޭންޑް ކައިރިން 1-0 އިން ބަލިވެއްޖެއެވެ.

ވެމްބްލީގައި ރޭ ކުޅުނު މެޗަށް އިންގްލެންޑުން ނުކުތީ ޔޫރޯ ސްކޮޑުވެސް ފައިނަލް ކުރުމަށްފަހުއެވެ. އިންގްލެންޑުން މިފަހަރު ބޮސްނިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗު ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފައި އޮތް އިރު، ރޭގެ މެޗަށް ކޯޗު ގެރެތު ސައުތުގޭޓް ވަނީ ކޮންމެވެސް ވަރަކަށް ބަދަލުތައް ގެނެސްފައެވެ.

ގޯލްކީޕަރަކަށް ފުރަތަމަ 11 އަށް އޭރޮން ރަސްމްޑޭލް ނެރެފައިވާ އިރު، ފަހަތުން މާކް ގުއޭހީއަށް ފުރުސަތު ދީފައިވެއެވެ. އޭގެ އިތުރުން މެދުތެރެއިން ކޯބީ މައިނޫ އާއި ފޯވަޑް ލައިނުން އެންތަނީ ގޯޑަންވެސް ފުރަތަމަ 11 އިން ފެނިގެން ގޮސްފައިވެއެވެ.

އިންގްލެންޑުގެ ފަރާތުން ރޭގެ މެޗުގައި ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، 12 ވަނަ މިނެޓުގައި އައިސްލޭންޑުން ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ ޖޯން ޑާގޫރް ތޯސްޓެއިންސަންއެވެ. އެ ގޯލުގައި އިންގްލެންޑް ގޯލްކީޕަރު ރަމްސްޑޭލްގެ ފަރާތުން ގޯހެއް ފެނިގެން ގޮސްފައިވާ އިރު، އައިސްލޭންޑުން ލީޑު ދެމެހެއްޓީ އިންގްލެންޑަށް މާ ބޮޑު ފުރުސަތެއް ނުދީއެވެ.

ހެރީ ކޭން އާއި ކޯލް ޕާމާއަށް ފުރުސަތުތައް ލިބި ބޭކާރު ވެގެން ދިޔަ އިރު، އިންގްލެންޑަށް މެޗުގައި ހެދުނީ އެންމެ ޝޮޓެކެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިންގްލެންޑްގެ އެންމެ މުހިއްމު ޑިފެންޑަރު ޖޯން ސްޓޯންސްއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެގެން ބާލަން ޖެހިފައިވެއެވެ. ކޯޗު ސައުތުގޭޓް މެޗަށްފަހު ބުނީ ސްޓޯންސް ބޭލުވީ ރައްކާތެރި ކަމަށް ކަމަށެވެ.

މިފަހަރު ޔޫރޯ ބާއްވާ ޖަރުމަނުން ރޭ ގްރީސް ކައިރިން މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. ޖަރުމަނުގައި ކުޅުނު އެ މެޗުގައި ގްރީސްއިން ފުރަތަމަ ހާފުގައި ލީޑު ނެގީ ޖޯޖޯސް މަސޫރާސް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ގްރީސްއިން ލީޑު ނެގި ނަމަވެސް، ޖަރުމަނުގެ ކައި ހަވާޓްސްއާއި ޕަސްކަލް ގްރޮސް ވަނީ ދެވަނަ ހާފުގައި އެޓީމަށް ނަތީޖާ އަނބުރާލަ ދީފައެވެ.