ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން އައުޓްރީފް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

އައުޓްރީފުން ތަށި ހޯދީ މިރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ވާދަވެރި، ފޯރިގަދަ ފައިނަލް މެޗުގައި ފޮއެމަތި ސްޕޯޓްސް ކްލަބު ކައިރިން 1-0 އިން މޮޅުވެގެންނެވެ. މިއީ އައުޓްރީފުން މުބާރާތުގެ ފައިނަލްގައި ކުޅުނު ދެވަނަ ފަހަރެވެ. އަދި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

މިރޭގެ ފައިނަލް މެޗު ފެށުމުގެ ކުރިން ފޮނަދޫ ބަރާސިލް އަވަށުގެ ލަނގިރީގެ ހަރަކާތްތަކެއްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ރެޕް ބޭންޑް، ސިމްބޮލިކް ރެކޯޑްސްގެ ހާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ޝަރަފުވެރި މެހެމާނުން ކަމަށްވާ ޕަސްކުއާލްގެ އެކްސްޕޯޓް ޑިރެކްޓަރު ހޭވިއޭ އާއި އެކްސްޕޯޓް މެނޭޖަރު ވަލޭރިއާ ދަނޑަށް ވަޑައިގެންނެވީ ހާއްސަ ސަގާފީ ހަތްކޮޅެއްގައެވެ.

އެ ހަރަކާތްތަކަށްފަހު މެޗު ފެށިގެން، ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް ފުރަތަމަ ވަރަށް ބޮޑަށް ފަހަތަށް ސަމާލުކަން ދީގެން ކުޅެފައިވާ އިރު، ފުރަތަމަ ހާފުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. އެހެން ނަމަވެސް އައުޓްރީފުގެ ނުރައްކާ މަޑުމަޑުން ދިޔައީ އިތުރުވަމުންނެވެ. އަލީ ޝާމިސް (ތޮއްޕެ) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަލީ ޝިޔާހް (ޝިޔާ)ގެ ހަމަލާތައް މަތަކުރީ މުހައްމަދު ލުފްޝާން (ޕަފް)އެވެ.

ދެވަނަ ހާފަށް ނުކުމެ ހާފުގެ ކުރީކޮޅުގައި އައުޓްރީފުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ޝިޔާހެވެ. މައިސާން ދުރުން ފޮނުވާލި ބޯޅަ ޕަފް މަތަކުރުމުން އެ ބޯޅައިގެ ރީބައުންސްގައި ޝިޔާހް ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކޮށެވެ.

މެޗުގެ ފަހުކޮޅުގައި ތަފާތު ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފޮއެމަތީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމަށް ލިބުނު ހުސް ފުރުސަތެއް ބޭކާރުވިއެވެ. އަދި ޒައިދާން އަބްދުﷲ ފޮނުވާލި ހަމަލާއެއްވެސް އައުޓްރީފްގެ ގޯލްކީޕަރު މުހައްމަދު ރަޝީދު މަތަކުރިއެވެ. އޭގެ އިތުރުން އަނެއްކޮޅަށް ތޮއްޕެ ފޮނުވާލި ދެ ހަމަލާއެއްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

  • މުހައްމަދު ލުފްޝާން (ޕަފް) / ފޮއެމަތި ސްޕޯޓްސް ކްލަބު
  • މުހައްމަދު ސާދު ނިޒާރު / ފޮއެމަތި ސްޕޯޓްސް ކްލަބު
  • އަހުމަދު ބައްސާމް މުހައްމަދު ނައީމް/ ފޮއެމަތި ސްޕޯޓްސް ކްލަބު
  • އަލީ ޝާމިސް (ތޮއްޕެ) / އައުޓްރީފް އެސްސީ
  • އިސްމާއީލް ވަޖީހު (ވައްޖެ)/ އައުޓްރީފް އެސްސީ

މިއަހަރުގެ މުބާރާތުގެ ޓޮޕް ސްކޯރާ އަދި ކިންގަކީވެސް އައުޓްރީފްގެ ތޮއްޕެއެވެ. އޭނާ ވަނީ 15 ގޯލު މުބާރާތުގައި ޖަހައިފައެވެ. އެންމެ މޮޅު ކީޕަރަކީ ލުފްޝާނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އައުޓްރީފްގެ ޝިޔާހެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ފޮއެމަތީގެ މުހައްމަދު ރަޒާނެވެ. އެންމެ މޮޅު ކޯޗަކީ އައުޓްރީފްގެ އިބްރާހީމް ރަޝީދު (ފީގޯ)އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް އައުޓްރީފް ސްޕޯޓްސް ކްލަބު ހޮވުނު އިރު، ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު، ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި ކިންގަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

މިއަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.