ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުގެ ފަރާތުން ކުރިއަށްގެންދާ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މިރޭ އޮންނާނެއެވެ. ފޮއެމަތި ސްޕޯޓްސް ކްލަބާއި އައުޓްރީފް ސްޕޯޓްސް ކްލަބް ވާދަކުރާ މިރޭގެ ފައިނަލަކީ އެ ދެޓީމަށްވެސް ތާރީހީ ފައިނަލެކެވެ. އައުޓްރީފް އެސްސީ އަދި ފޮއެމަތި އެސްސީންވެސް އަދި މިހާތަނަށް މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެއް ނުވެއެވެ. އެހެންކަމުން، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ފަސްވަނަ މުބާރާތުން ފެނިގެންދާނީ މުޅިން އާ ޗެމްޕިއަނެކެވެ. އެކަން ޔަގީނެވެ.
ދެޓީމުގެ ބެންޗުން ފެންނަ ދެ ކޯޗުންނަކީވެސް ލ. އަތޮޅުގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ދެ ތަރިންނެވެ. ކުޅުންތެރިންގެ ގޮތުގައި ޕްރެޝަރު ފައިނަލްތަކުގައި ވާދަކޮށް، ރާއްޖޭގެ މަތީ ފަންތީގައިވެސް ލ. އަތޮޅު ތަމްސީލުކޮށްދީފައިވާ ދެ ކޯޗުންނެވެ. ފޮއެމަތީގެ ކޯޗަކީ ލ. ގަމު މަތިމަރަދުއަށް ނިސްބަތްވާ މުހައްމަދު ތޯރިގު (ތޯއްޓޭ) އެވެ. އައުޓްރީފް އެސްސީގެ ކޯޗަކީ އިބްރާހީމް ރަޝީދު (ފީގޯ)އެވެ. ފީގޯއަކީ ލ. ގަމު މުކުރިމަގަށް ނިސްބަތްވާ ކޯޗެކެވެ.
ދެ ކޯޗުންވެސް އުފަން އަވަށަށް ތަށި ގެންގޮސް، ދެ ކްލަބުގެ ތާރީހު ބަދަލުކޮށްލަން ތައްޔާރެވެ. "ވަން ސްޕޯޓްސް"އަށް ދެ ކޯޗުން ދިން ހިޔާލުވެސް ފެށީ ދާދި އެއް ވާހަކައަކުންނެވެ. އެއީ އިދިކޮޅު ޓީމަށް ދޭ އިހުތިރާމުގެ ވާހަކައިންނެވެ.
"ފައިނަލަށް ޓީމު ނުކުންނަ އިރު، މި ނުކުންނަނީ އިދިކޮޅުން މި ނުކުންނަ އައުޓްރީފް ޓީމަށް ވަރަށް ބޮޑަށް އިހުތިރާމު ކޮށްގެން. ކޮންމެ ގޮތެއް ވިޔަސް، އެ ޓީމު ތަޖުރިބާގެ ގޮތުން ފޮއެމައްޗަށްވުރެ ތަފާތުވާނެ. އެއްގޮތަކަށްވެސް އެމީހުން އަންޑަ އެސްޓިމޭޓެއް ނުކުރާނަން،" ތޯއްޓޭ ބުންޏެވެ.
ފީގޯގެ ވާހަކަވެސް ފެށީ އެ ވިސްނުމުންނެވެ. "އައުޓްރީފް ފައިނަލަށް ނުކުންނާނީ އިދިކޮޅަށް ނުކުންނަ ފޮއެމަތި ޓީމުން މިހާތަނަށް މުބާރާތުގައި ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ވިސްނައިގެން،" ކަމަށް ފީގޯ ބުންޏެވެ.
ފީގޯ އިތުރަށް ބުނީ އައުޓްރީފުން މިހާތަނަށް ގިނަ މުބާރާތްތަކުގެ ތަށްޓަށް ވާދަކޮށްވެސް ތަށްޓެއް ނުލިބި އޮތް އޮތުމަށް ނިމުން ގެންނަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ސަޕޯޓަރުންވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"މި މުބާރާތް ކާމިޔާބުކުރުމަކީ އައުޓްރީފްގެ ތާރީހުގައި ރަން އަކުރުން ލިޔެލެވޭނެ ކަމެއް. ތަށި ހޯދިއްޖެނަމަ ކްލަބަށް ތާރީހީ ރެޔަކަށް މިރޭ ވެގެންދާނެ،" ފީގޯ އިތުރަށް ބުންޏެވެ.
ތޯއްޓޭގެ ނަޒަރުގައި ފޮއެމަތިން ފައިނަލް ކާމިޔާބު ކުރަން "ކަށިން ހިތްވަރު ނެރޭނެ"އެވެ. ހާއްސަކޮށް ސަޕޯޓަރުންގެ ފަރާތުން އެ ލިބޭ ހިތްވަރާއެކު ﷲގެ އިރާދަފުޅުން މިރޭގެ ފައިނަލް ކާމިޔާބުވާނެ ކަމަށްވެސް އޭނާ އެންމެ ފަހު ބަހެއްގެ ގޮތުން ފާހަގަކުރިއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ފޯރިގަދަ ފައިނަލް އޮންނާނީ މިރޭ 9:45 ގައެވެ. އޭގެ ކުރިން ފައިނަލް މެޗުގެ ޕްރި އިވެންޓްސް 9:00 ގައި ފަށާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް