ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ވެސް އޮތް ގޮތަށް އެއްވެސް ދަތިކަމެއް ނެތި 90 ދުވަހުގެ އޮން އެރިވަލް ވިސާ ލިބޭނެ ކަމުގެ ޔަގީންކަން، ލަންކާއިން، ދިވެހި ސަރުކާރަށް ދީފިއެވެ.

ލަންކާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ޒަމީރު ވަނީ މިދިޔަ އަންގާރަ ދުވަހު އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރަސްމީ ދަތުރުގެ ތެރެއިން ޒަމީރު އިއްޔެ ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީއާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ޒަމީރު އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާ ބައްދަލުކުރައްވައިފައެވެ. ރަސްމީ ދަތުރަށްފަހު ޒަމީރު ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާއެކު ބޭއްވި ބައްދަލުވުމުގައި ޒަމީރު ވަނީ ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. ލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް މިފަހުން ގެނައި ބަދަލުގެ ސަބަބުން ދިވެހިންނަށް ދަތިތަކެއް ކުރިމަތިވާތީ އެކަން ހައްލުކޮށްދިނުމަށް ޒަމީރު އެ ބައްދަލުވުމުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

"އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގުފަހިކޮށްދެއްވައި، އެކަން ލިޔުމުން ޔަގީން ކޮށްދެއްވައިފައެވެ.،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދިވެހިން ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީއަށް ވެސް ހެޔޮބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން ލަންކާއިން ދީފައިވާ ކަމަށެވެ.