އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އެ ގައުމުގެ މިހާރު ވެސް ބޮޑުވަޒީރު ނެރެންދްރަ މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު ދެއްވައިފިއެވެ.

މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް، ރައީސް މުއިއްޒަށް ދައުވަތު ދެއްވިކަން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ނަމަވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރައީސް މުއިއްޒު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެދި މޯދީ ދައުވަތު ފޮނުއްވާފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެހެންވެ އެ ދައުވަތު ރައީސް މުއިއްޒު، ގަބޫލުފުޅުކުރެއްވި ކަމެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް މި ސަރުކާރުގައި ވަނީ ހީނަރުކަމެއް އައިސްފައެވެ. އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، އަނބުރާ އިންޑިއާއަށް ފޮނުވާލުމަށް ސަރުކާރުން މަސައްކަތް ކުރުމާ ގުޅިގެންނެވެ.

ގުޅުން ހީނަރުވެފައިވިޔަސް ރާއްޖެއާއި އިންޑިއާއިން ދަނީ ދެގައުމުގެ ގުޅުން އަނެއްކާވެސް ކުރިން އޮތް ވަރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.

މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ފުރަތަމަ ކުރެއްވި ފަހަރު އެއިރުގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.