ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވެ، ގދ. ގައްދޫ، އަބްލަގީގޭ މުހުޖަތު އަހުމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫން މެރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ފަސް އަހަރު ވީއިރުވެސް ހައިކޯޓުގައި އެ މައްސަލައިގައި އިސްތިއުނާފު ނުފެށި އަނެއްކާވެސް ލަސްވެއްޖެއެވެ.

އެ މައްސަލައިގެ އިސްތިއުނާފު ފަށަން އެންމެ ފަހުން ތާވަލު ކުރި އަޑުއެހުމުގައި ދިނީ އިސްތިއުނާފު ހުށަހެޅި ދެމީހުންނަށް ވަކީލުން ހަމަޖެއްސުމުގެ ފުރުސަތެވެ.

އެއަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ހުށަހެޅުމުގެ ފުރުސަތު ދިނުމުން، މައްސަލަ އިސްތިއުނާފު ކުރި ދެމީހުން ކަމަށްވާ މުހުޖަތާއި މައިމޫންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ އިސްތިއުނާފު ފޯމުގައި ހުރި ކަންކަން ހުށަހެޅުމުގެ ކުރިއަށް ހައިކޯޓު ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަނޑިޔާރުންގެ ކިބައިން ކަމަކަށް އެދޭތީ އެ ހުށަހެޅުން ހުށަހެޅުމުގެ އިޒުނައަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުލްމާނިއު ހުސެއިން އެކަމަށް އިޒުނަ ދެއްވުމުން ވަކީލު ހަމްޒާ ވިދާޅުވީ، އެ ދެމީހުންގެ ފަރާތުން ހުށަހަޅާފައިވާ، މައްސަލައިގެ އިސްތިއުނާފު ފޯމުތައް އިސްލާހުކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަަބަބަކީ އެ ފޯމުތައް ކޯޓަށް ހުށަހަޅާފައިވަނީ އެ ދެމީހުންނާ މަޝްވަރާކުރުމެއްނެތި، އަދި އެ ދެމީހުންގެ ބައެއް އެކަމުގައި ނެތި ކަމަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ މެދު މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނާއި ވަކީލާ ދެމެދު ކޮންމެވެސް ވަރަކަށް ބަހުސް ކުރިއަށް ދިއުމަށްފަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މާނިއު ވިދާޅުވީ، އިސްތިއުނާފު ފޯމުތައް އިސްލާހު ކުރުމަށް ހަވާލާދޭ މާއްދާއަށް ބަލާއިރު ސީދާ އިސްތިއުނާފު ފޯމު އިސްލާހު ކުރުމުގެ ހުއްދަ ދިނުމަކީ އެ މާއްދާ ތަސައްވުރު ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ހުއްދައެެއް ދެވެން ނެތްކަމަށް ކަނޑައަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިއަދުގެ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ހުށަހަޅަން ތައްޔާރުވެފައިވާކަން ފާހަގަ ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ބާއްވާ ދުވަހަކުން، އިސްތިއުނާފު ހުށަހެޅުމަށް ތައްޔާރުވެގެން ވަޑައިގެން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި އިސްތިއުނާފު ހުށަހަޅާ އިރު، ބޭނުންވާ އިސްލާހު ހުށަހެޅުމުން، އެ ކަމާމެދު ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނިންމަވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ހިސާބުން މިއަދުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ.

މި ކުށުގެ މައްސަލައިގައި، މައިމޫނާއި މުހުޖަތުގެ މައްޗަށް މަރުގެ ހުކުމް އިއްވީ މެއި 2019، ގައެވެ.

މުހީތުގެ މަރުގެ މައްސަލައިގައި އެ ދެމީހުންގެ އިތުރު ދެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު މަރުގެ ހުކުމް އިއްވިއެވެ. އެ މީހުންގެ މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.