ފާއިތުވި މެއި މަހު ޒަކާތު ފަންޑުން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ބޭސްފަރުވާއަށް ކަމަށާއި އެގޮތުން ބޭސްފަރުވާއަށް ޖުމުލަ 1،632،265 (1.6 މިލިއަން) ރުފިޔާ ހަރަދުކުރި ކަމަށް ޒަކާތު ހައުސް ފަންޑުގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަަފާސް ހިސާބުތަކުން ދައްކާގޮތުގައި ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ވަނީ ހަރަދުކޮށްފައެވެ.
ޒަކާތު ފަންޑުން ކޮންމެ މަހަކު ކުރާ ހޭދައިގެ ތަފުސީލު އާންމުކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުގައެވެ. ފާއިތުވި މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މެއި މަހު އެހީ ދިނުމަށް ހަމަޖެހިފައިވާ ޖުމުލަ އަދަދަކީ 1،213،624 (1.2 މިލިއަން) ރުފިޔާއެވެ.
އޭގެ ތެރެއިން 180 މީހުންގެ ބޭސްފަރުވާއަށް ޖުމުލަ 1،632،265 (1.6 މިލިއަން) ރުފިިޔާ ހަރަދުކޮށްފައިވެއެެވެ. އެއީ ކެންސަރުގެ ބަލީގެ ފަރުވާއަށް 454،474.50 ރުފިޔާ، ކިޑްނީގެ ފަރުވާއަށް 89,050.50 ރުފިޔާ، ހިތުގެ އޮޕަރޭޝަނަށް 67،848 ރުފިޔާ އަދި ސިކުނޑީގެ އޮޕަރޭޝަނަށް 72،088.50 ރުފިޔާއެވެ.
އަދި އެހެނިހެން ބޭސްފަރުވާއަށް 619،113 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އިތުރު އެހެނިހެން ހަރަދުގެ ގޮތުގައި، އިދާރީ މުވައްޒަފުންގެ އުޖޫރަ އާއި ފިތުރު ޒަކާތް ދިނުމަށް ވެސް އެ ފަންޑުން ހޭދަކުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 262،266.50 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފިތުރު ޒަކާތްދިނުމަށް 41،937.71 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ވެސް މިދިޔަ މަހު ކުރީކޮޅުގައި ނިންމައިފައިވެއެވެ.
ޒަކާތު ހައުސް އިން އިތުރަށް ބުނީ މެއި މަހު ކޮށްފައިވާ ހަރަދުގެ ތެރޭގައި އޭޕްރިލް މަހު އެހީ ހަމަޖެހިފައިވާ ފަރާތްތައް ވެސް ހިމަނާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު