އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅޭ އެންމެފަހު މެޗުގައި މިރޭ ކުވައިތާ ދެކޮޅަށް ނުކުންނާނެއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން އެ މެޗަކީ ގައުމީ ޓީމަށް ތާރީހު ލިޔެލަން މުހިއްމު މެޗެކެވެ. މިވަގުތު ކޮލިފިކޭޝަން ގްރޫޕްގެ ދެވަނައިގައި އިންޑިއާ އޮތީ ތިންވަނައިގައި އޮތް އަފްގާނިސްތާނާ އެއްވަރަށް ޕޮއިންޓް ހޯދައިގެން، ފައިދާ ގޯލުގެ ތަފާތުންނެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.

އިންޑިއާއިން މިފަހަރުގެ ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ކުވައިތު ކައިރިން 1-0 އިން މޮޅުވި ނަމަވެސް، ދެން ގަތަރާއި އަފްގާނިސްތާނު ކައިރިންވީ ބައްޔެވެ. އެހެންކަމުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ޔަގީންކޮށް، ވޯލްޑް ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރަށް އަލަށް ދާން އިންޑިއާއަށް މިރޭ ކުވައިތު ބަލިކޮށް، ދެން އޮތް މެޗުންވެސް މޮޅުވާން ޖެހެއެވެ. ޕްރެޝަރު މެޗު، އިންޑިއާއަށް އިތުރު ގޮތަކުން ހާއްސަވެފައި އޮތުމުން، މެޗުގެ ފޯކަސް ޗެތުރީއަށް އޮތީ ބަދަލުވެފައެވެ. ގާތްގަނޑަކަށް 20 އަހަރުގެ ގައުމީ ޓީމު ކެރިއަރު ޗެތުރީ މިރޭ ނިންމާލާނީ އަސަރާއެކުގައެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސްގައިވެސް އެކަން ފެނުނެވެ.

"އަހަރެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން މި މެޗުގެ މުހިއްމު ކަމަށް މެޗުގެ ފޯކަސް ބަހައްޓަން. މިއީ އަހަރެންގެ އަލްވަދާއާ ގުޅުވަން ޖެހޭ މެޗެއް ނޫން. އަހަރެން އެ އިހުސާސް ކުރަން މިދަނީ މަސައްކަތް ކުރަމުން. އެހެންވީމަ އަލުން އިތުރު ސުވާލުތައް އަހައި، އަހަރެންގެ އިހުސާސްތައް ބަންޑުން ކޮށްލަން މަސައްކަތް ނުކުރުން އެދެން. އަހަރެމެން މި މެޗުން މޮޅުވާން ޖެހޭ. މި މެޗަށް ފޯކަސް ކުރަން ޖެހޭ،" ޗެތުރީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

މިފަހަރުގެ ނަތީޖާއިން އޭޝިއަން ކަޕަށް ކޮލިފައިވެ، އެ މުބާރާތުގައި 2027 ވަނަ އަހަރު ކުޅުމަށް އަލުން އެނބުރި ގައުމީ ޓީމަށް އައިސްދާނެތޯ ސުވާލުކުރުމުން ޗެތުރީ ބުނީ "އެ މެޗުތައް ބަލަން ދާނީ ރީތި ސޫޓެއްގައި ރީތި ގަޑިއެއް އަޅާލައިގެން،" ކަމަށެވެ. އަދި އޭނާ ބުނީ ދެން މެޗުތަކަށް ދާނީ ސަޕޯޓަރެއްގެ ގޮތުގައި ކަމަށާއި، މިހާރު އަންނަން އުޅޭ ވަގުތަށް އޭނާ މާ ކުރިން ތައްޔާރުވެގެން ހުރި ކަމަށެވެ.

2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޭނާ ވަނީ އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމަށް 150 މެޗު ކުޅެ، 94 ގޯލުވެސް ޖަހައިދީފައެވެ. ޗެތުރީ އަކީ ގައުމީ ޓީމަށް ގޯލު ޖެހުމުގެ ލިސްޓުގައިވެސް ފަހުރުވެރި މަގާމެއްގައި އޮތް ކުޅުންތެރިއެކެވެ.

މި ވަގުތު ގައުމީ ޓީމުތަކަށް ކުޅެމުންދާ އެކްޓިވް ކުޅުންތެރިންގެ ތެރެއިން ޗެތުރީއަށްވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައި ވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެވަނައިގައި އޮތް ލިއޮނަލް މެސީއެވެ. އޭގެ ފަހަތުން އެ ލިސްޓްގައި އޮތީ އިންޑިއާގެ ޗެތުރީއެވެ.

ޗެތުރީގެ ޝަރަފުވެރި ވަގުތުކޮޅަށް އިންޑިއާގެ ފުޓުބޯޅަ ސަޕޯޓަރުން އެއްކޮށް ތައްޔާރުވެފައިވާ އިރު، އޭނާގެ ޓީމްމޭޓުންނަށްވެސް ޖަޒުބާތުތައް ހިފަހައްޓަން އުނދަގުލެވެ. މިޑްފީލްޑަރު ސަހަލް އަބްދުއް ސަމަދު ބުނީ "ސުނިލް ބާއީއަށްޓަކައި މެޗުގައި ގުރުބާންވާނެ،" ކަމަށެވެ. އަދި ލަލިއާންޒުއަލާ ޗާންގްޓޭ ބުނީ ޗެތުރީއަށް އެސިސްޓެއް ކޮށްދެވޭނެ ކަމުގެ އުންމީދުގައި ހުރި ކަމަށެވެ.

އިންޑިއާއާއި ކުވައިތުން ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.