ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލަށް ފޮއެމަތި ސްޕޯޓްސް ކްލަބާއި އައުޓްރީފް ސްޕޯޓްސް ކްލަބު ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާ އިރު، ފައިނަލް މެޗު އޮންނާނީ ހަތްވަނަ ދުވަހުގެ ރޭގައެވެ. މިރޭ ކުޅުނު ފުރަތަމަ ސެމީ މެޗު ދިޔައީ ތަފާތު ފޯރިގަދަކޮށެވެ. މެޗުގެ ތެރެއިން ސަޕޯޓަރުންގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. އެ މެޗުގައި ވަރުގަދަ ރަސްހިންނެ އެސްސީ ކަޓުވާލައި، ފައިނަލް ޔަގީންކުރީ އަލަށް މުބާރާތުގައި ބައިވެރިވި ފޮއެމައްޗެވެ. އެއީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަސްވަނަ މިނެޓުގައި ފޮއެމަތީގެ މުހައްމަދު ސާދު ނިޒާރު ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ރަސްހިންނެއިން މެޗަށް އަނބުރައި ވަނުމަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފޮއެމަތީގެ ގޯލްކީޕަރު މުހައްމަދު ލުފްޝާން އެ ފުރުސަތެއް ނުދިނެވެ. އަހުމަދު ހަލީމް (އަންމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ސާމިން މުހައްމަދު ނަސީރާއި އަބްދުﷲ ޖުނައިދު (ޖޭއްނޭ)ގެ ހަމަލަތާއްވެސް އޭނާ ދިޔައީ މަތަކުރަމުންނެވެ.
ރަސްހިންނެއިން މިރޭ ހުސައިން ޝަރީފް (އޮންލީ) ވެސް ކުޅެން ނެރެފައިވާ އިރު، އޭނާ ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައެވެ. އެހެންކަމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ފޮއެމަތިން ލީޑު ފުޅާކުރީ އަހުމަދު ބައްސާމް މުހައްމަދު ނައީމް ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ފަހިވީ ރަސްހިންނެގެ ގޯލްކީޕަރު އަހުމަދު ހުޝާމާއި ޝާއްޕެއަށް ރަނގަޅަށް ވާހަކަ ނުދެއްކި ހެދުނު ގޯހަކުންނެވެ. އެ ގޯލާއެކު ދެވަނަ ހާފުގެ ކޮންޓްރޯލުވެސް ފޮއެމައްޗަށް ލިބުނެވެ. އަދި މުހައްމަދު ރަޒާން ޖެހި ގޯލުން ތިން ގޯލުގެ ލީޑެއް ނެގިއެވެ.
މެޗުގެ ފަހުކޮޅުގައި ދެޓީމުގެވެސް ފަސް ފައުލް ހަމަވެ، ޕެނަލްޓީތައް ލިބުނެވެ. ރަސްހިންނެ އިން އަންމަޑޭ ޖެހި ޕެނަލްޓީ ލުފްޝާން މަތަކުރި އިރު، އަނެއްކޮޅުން ސާދުގެ ޕެނަލްޓީ ދިޔައީ ބޭރަށެވެ. މެޗުގައި ރަސްހިންނެގެ ހަމައެކަނި ގޯލު ޖަހައި، އެޓީމަށް ހިތްވަރެއް ހޯދައިދިނީ ޖޭއްނޭއެވެ. އޭނާގެ ގޯލުން އުންމީދެއް ލިބުނު ނަމަވެސް ފޮއެމަތި ހިތްވަރުކޮށް، ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔައެވެ.
މިރޭ ކުޅުނު ދެވަނަ ސެމީގައި އައުޓްރީފުން ވަނީ 11-0 އިން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށްފައެވެ.
އެ މެޗުގެ ފުރަތަމަ ކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، މުންޑޫގެ ކެޕްޓަން އާދަމް ޝަހީމް (އާނާ) އަށް އަނިޔާވުމުން މެޗުގެ އޮއިވަރު ބަދަލުވިއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ ގޯލު، އަދި ދެވަނަ ހާފުގައި އިތުރު ގިނަ ގޯލުތަކެއް ޖަހައި އައުޓްރީފުންވެސް ފުރަތަމަ ފައިނަލުން ފުރުސަތު ހޯދިއެވެ.
އައުޓްރީފްގެ އަލީ ޝާމިސް (ތޮއްޕެ) މެޗުގައި ފަސް ގޯލު ޖެހި އިރު، އޭނާ މިހާރު ވަނީ މުބާރާތުގައި 15 ގޯލު ޖަހައިފައެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ތޮއްޕެއަކީ މިހާރު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. ތޮއްޕެގެ އިތުރުން ތޯއިފު ގާސިމް ދެ ގޯލު، އިސްމާއީލް ވަޖީހު (ވައްޖެ)ގެ ގޯލެއް، އަލީ ޝިޔާހް (ޝިޔާ) އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ)ގެ ގޯލެއް މެޗުގައި ފެނިގެން ދިޔައެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް