ރާއްޖެއާއި ސްރީލަންކާއާ ގުޅިގެން ގިނަ ދާއިރާތަކެއްގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ލަންކާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ޒަމީރު އިއްޔެ ވަނީ އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރަސްމީ ދަތުރުގެ ތެރެއިން ޒަމީރު މިއަދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީއާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ޒަމީރު ދެއްވި ބަޔާނެއްގައި ވިދާޅުވީ އިގުތިސޯދީ ދާއިރާއިންނާއި ތައުލީމު އަދި ވިޔަފާރީގެ އިތުރުން ސިއްހީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ ރާއްޖެއާއި ލަންކާއަކީ ވެސް މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ދެ ގައުމަށް ކަމަށްވުމުން ދެ ގައުމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވަނީ ސަލާމަތީ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން މިހާރު ވެސް ދެމުންގެންދާ ކަމަށާއި އެހެންވެ ދެ ގައުމުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ލަންކާއަކީ ވެސް ރާއްޖެ ފަދައިން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭތީ އެކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު މިއަދު ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި ޒަމީރު އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފައެވެ.

ރަސްމީ ދަތުރު ނިންމަވާލައްވައި ޒަމީރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.