ރާއްޖޭގެ އެކި ރަށްތަކުގައި އުފެދިފައިވާ އެކިއެކި ގޭންގު ގްރޫޕުތަކުގެ މައްސަލަތައް ހައްލުކުރުމަށް ވަކި ޑިޕާޓްމަންޓެއް އުފެއްދުމަށް ފުލުހުން ނިންމައިފިއެވެ.
ކުރިއަށްއޮތް ހަތް އަހަރު ދުވަހުގެ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ކެރިގެން ކުރިމަތިލާ ބައެއްކަމުގައި ފުލުހުން ވާނެ ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފުލުހުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭނުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ކޮންބެޓިންގް ކްރައިމްސް. ހާއްސަގޮތެއްގައި ގައުމުގައި އެންމެ ކަންބޮޑުވާ ޑްރަގު މައްސަލައިގެ އިތުރުން ކުށްކުރާ ގްރޫޕުތަކުގެ ބިވުރެވިކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އާ މަސައްކަތްތަކެއް ކުރުމަށް މި ޕްލޭނުގައި ހިމެނިފައި އެބަވޭ،" ޝުޖާއު ވިދާޅުވިއެވެ.
ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ގައުމުގެ އަމަންކަމާއި ސުލްހަމަސަަލަސްކަން ކަށަވަރުކޮށް، ކުށުގެ ވެށިން ސަލާމަތްކުރެވި ރައްކާތެރިކުރެވިފައިވާ މުޖުތަމައުއަކަށް ރާއްޖެ ހެދުން ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވިފައިވާ ކުށްކުރާ ގުރޫޕުތަކަށް ނިސްބަތްކޮށް ނުވަތަ އެ ކަންތައްތައް އެންފޯސްކުރުމަށްޓަކައި އެ ޕްލޭން ވުޖޫދުވާ ހިސާބުން ފެށިގެން އެކަމަށްޓަކައި މަސައްކަތްކުރާނެ ވަކި ބަހާއެއް ގާއިމުކުރެވިގެންދާނެ ކަަމަށް ޝުޖާއު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެ ގްރޫޕުތައް އުޅޭ ސަރަހައްދުތަކާއި އެމީހުންގެ ކަންކަން ގާތުން ބެލުމަށް ފުލުހުންގެ އޯގަނައިޒޭޝަންގެ ލެވެލްގައި ކުރެވޭނެ ކަންތައްތަކާއި އަދި އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ތަރުތީބު ކުރާނެ ކަމަށެވެ.
އޭގެ އިތުރުންވެސް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެކިއެކި ކަންކަން ކުރިއަށްގެންދަން ތާވަލުކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ލޯކަލް ޕޮލިސީއެއް އެކުލަވާލައި ތަންފީޒުކުރާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު